ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ ރައީސަށް ހުށަހެޅޭގޮތަށް ޕޯޓަލެއް ގާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރުގައި ބޭއްވި "ކަންގަތި އެވޯޑް 2023" ދިނުމުގެ ހަފުލާގައި ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން ބޭނުންފުޅުވާ ކަމަށާއި، މާލޭގެ މޭޔަރު ކަމުގައި ހުރިއިރުވެސް، ވަކިން ތާވަލު ހަދައިގެން، މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވާ، ރައްޔިތުންގެ ހާލު ބެއްލެވި ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ބޭނުންތަކާއި، ޝަކުވާ ސީދާ އެމަނިކުފާނާ ހިއްސާކުރެވޭނެ ގޮތް، އޮފީހުގެ ރަސްމީ ގަޑީގެ ތެރެއިން ހަމަޖެއްސެވި ކަން ރައީސް ފާހަގަކުރެއްވިއެވެ އަދި އެފަދަ ކަންކަން ވަގުތުން ހުށަހެޅުމަށް ސިޓީ ކައުންސިލްގެ ވެބްސައިޓުގައި އެކަމަށް ހާއްސަ ޕޯޓަލްއެއް ގާއިމުކޮށް، ތަނަވަސްކަމާއެކު ދޮރު ހުޅުވާލެއްވި ކަމަށާއި އެ ޕޯޓަލް މެދުވެރިކޮށް، ވަރަށް ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުވައިދެއްވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މާލޭ ސިޓީގެ މޭޔަރު ކަމަށްފަހު، ދެންވެސް މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށްރަށަށް ދަތުރުކުރައްވާ، ރައްޔިތުންނާއި ގިނަގިނައިން ބައްދަލުކުރައްވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށަށް އަޅުގަނޑު ދަތުރުކުރާނަން. ހަމަ ހުރިހާ ރަށަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާނަން. ތިޔަބޭފުޅުންގެ އަސްކަނިދަށުން ލިބޭ ހިޔަލަކީ ވަރަށްވެސް ނިޔާމަ ހިޔަލެއް ކަމުގައި އަޅުގަނޑު އަބަދުވެސް ގަބޫލުކުރަން.
ރައީސް

މީގެއިތުރަށް، ދިވެހި ކޮންމެ ރައްޔިތަކަށް އެމަނިކުފާނާ ސުވާލުކުރެވޭގޮތަށް އަދި އެ ރައްޔިތެއްގެ އުދާސްތަކާއި، ހިޔާލުތަކާއި، އުންމީދުތައް ސީދާ ހުށަހެޅޭގޮތަށް، ރައީސް އޮފީހުގެ ވެބްސައިޓުގައި ޕޯޓަލްއެއް ގާއިމުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މި ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުގެ ހަފުތާ 14 ގެ ތެރޭގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދިނުމަށް ޕަބްލިކް ފޯރަމްތަކެއް ސިލްސިލާކޮށް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މީގެ ފުރަތަމަ ފޯރަމް އަންނަ ފެބްރުއަރީމަހު ބޭއްވުމަށް ގަސްތުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީރުން ވެސް މިފަދަ ފޯރަމްތަކެއް ކޮންމެ ދެ މަހުން އެއްމަހު ބާއްވާނެ ކަމަށާއި ފުރަތަމަ ފޯރަމް، ޖަނަވަރީ މަހުގެ ތެރޭގައި އޮންނާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.