އިތުރު 6 މީހުން ފައިލޭރިއާއަށް ޕޮޒިޓިވްވެ، ކުޅުދުއްފުށިން ފެނުނު ފައިލޭރިއާ ކޭސްގެ އަދަދު 25 އަށް އަރައިފައިވާ ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް 434 ބިދޭސީއިން ސްކްރީން ކުރެވިފައިވާ ކަމަށާއި އޭގެތެރެއިން 25 ބިދޭސީއިން ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފައިލޭރިއާއަށް ޕޮޒިޓިވް ވެފައިވާ ފަރާތްތަކުން ރާއްޖެ އައިސްފައި ވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ "އެންޑެމިކް" ގައުމު ތަކުންކަން އެޗްޕީއޭއިން ފާހަގަ ކުރެއެވެ. އަދި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ. ކުޅުފުއްފުއްޓަކީ އިންޑިއާއަށް ނިސްބަތްވާ ގިނަ ބަޔަކު މަސައްކަތުގައި އުޅޭ ރަށެކެވެ.

ފައިލޭރިއާގެ ކޭސްއެއް ކުޅުދުއްފުށިން ފުރަތަމަ ފެނިފައި ވަނީ މި އަހަރު ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ހިންގި ބިދޭސީ މަސައްކަތްތެރިންގެ ހެލްތު ސްކްރީނިންގް ކޭމްޕްގެ ތެރެއިންނެވެ. އެ ކޭމްޕުގައި ބައެއް ފަރާތްތައް ޕޮޒިޓިވް ވުމާއެކު އެޗްޕީއޭއިން އަންނަނީ އެ ރަށުގައި މަސައްކަތް ކުރަމުންދާ ބިދޭސީއިން ސްކްރީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ފައިލޭރިއާ ބައްޔާ ގުޅޭ މައުލޫމާތު ކުޅުދުއްފުށީގައި ދިރިއުޅެމުން ދާ އިންޑިއާގެ ރައްޔިތުންނަށް ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕީޓަލުން ވަނީ މައުލޫމާތު ދިނުމުގެ ސެޝަންއެއް ވެސް ބާއްވާފައެވެ. އެ ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާ ރައްޔިތުންނަށް ފަސޭހަކަމާއެކު މައުލޫމާތު ސާފުވާނެ ގޮތަށް ހިންދީ އަދި އުރުދޫ ބަހުންނެވެ.

ރާއްޖޭން އެންމެ ފަހުން ފައިލޭރިއާ ކޭސްއެއް ރިޕޯޓުކޮށްފައި ވަނީ 2004 ވަނަ އަހަރު ލ. ފޮނަދޫއިންނެވެ.