ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު، "ރަސްމާލެ"އާ އެންމެ ކައިރީގައި އޮތް ފަޅުގައި އެއާސްޓްރިޕެއް ގާއިމު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވާ ދެއްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ރަސްމާލެއާ މާލެއާ ދެމެދު ގާއިމުކުރާނެ ފެރީގެ ނިޒާމަކީ ކަނޑުގެ ރާޅުގެ އުނދަގޫ ކުޑަވާގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އެކްސްޕްރެސް ފެރީތަކަކަށް ވާނެ ކަމަށެވެ.
މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އުނދަގޫ ނުވާނެ ގޮތަށް ފުށިދިއްގަރާ އެންމެ ކައިރީ އޮތް ފަޅުގައި އެއާ ސްޓްރިޕެއް ގާއިމުކޮށް އެތަން ރަސްމާލެއާ ގުޅުވާލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، މިތަން ތަރައްގީވެގެން ދާނީ އާމްދަނީގެ ފުުރުސަތުތަކާއި ވިޔަފާރީގެ ފުރުސަތުއް ލިބޭ ވަޒީފާ އަދި ގެދޮރުގެ މަންޒިލަކަށް ވެގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ފުށިދިއްގަރު ފަޅުން 1،1501 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެ ތަނުގެ ބޮޑުމިން ހުޅުމާލެ 2 ގެ ތިން ގުނަ ވެގެންދާނެ ކަމަށެވެ.
ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.
މި ސިޓީއަކީ ޒީރޯ ކާބަން ސިޓީއެއް ކަމަށް ރައީސް ވިދާޅުވެފައިވާއިރު އެ ތަން ތަރައްގީކުރާނީ 'މޯލްޑިވްސް އީކޯ ސިޓީގެ' ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.