ކުޅުފުއްފުށިން ފެންނަމުންދާ ފައިލޭރިއާ ކޭސްތަކާ ގުޅިގެން ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ފައިލޭރިއާ ސްކްރީނިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން، ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ކަމާ ގުޅުން ހުރި އެހެން ފަރާތައް ހިމެނޭހެން ޓާސްކްފޯސް އެއް އެކުލަވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި މިހާތަނަށް 295 ބިދޭސީ މަސައްކަތްތެރިން ސްކްރީން ކޮށްފައިވާއިރު އިތުރު ފަރާތްތަށް ސްކްރީން ކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ފައިލޭރިއާއަށް ޕޮޒިޓިވްވި 19 ބިދޭސީ މަސައްކަތްތެރިންނަށް ބޭސް ދިނުމުގެ މަސައްކަތްކުރަމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބުނީ، ފައިލޭރިއާ ޓެސްޓު ކުރުމަށް ބޭނުންވާ ޓެސްޓު ކިޓު، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާ، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއާ ގުޅިގެން އިތުރު ކިޓްތައް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ކުރިއަށް ރާވާފައިހުރި ކަންކަން ހިއްސާކުރަމުން އެޗްޕީއޭއިން ބުނީ، ކުޅުދުއްފުށީ ރައްޔިތުންގެ ތެރެއިން ރެންޑަމްކޮށް ހޮވާލެވޭ ފަރާތްތައް ޓެސްޓްކުރުމާއި ބިދޭސީ މަސައްކަތްތެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެފަރަތްތަކަށް އެނގޭފަދަ ބަހަކުން ޕޯސްޓަރު އަދި ވީޑިއޯ ފަދަތަކެތި ތައްޔާރުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފައިލޭރިއާ ބައްޔާ ގުޅުން ހުރި ގައިޑްލައިންތައް އެކުލަވާލާ ސަވައިލެންސް އާއި ރިޕޯޓިން އިތުރަށް ހަރުދަނާކޮށް ރާއްޖޭގެ އެހެނިހެން ރަށްތަކުގައި ފައިލޭރިއާ ސްކްރީނިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިލޭރިއާގެ ކޭސްތަކެއް ފެނިފައިވަނީ ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރުމުގެ ގޮތުން ބިދޭސީންނަށް އަމާޒުކޮށްގެން ކުޅުދުއްފުށީގައި މިމަހުގެ 1 އިން 2 އަށް ކުރިއަށް ގެންދިޔަ ހެލްތު ކޭމްޕޭޭނެއްގެ ތެރެއިންނެވެ.

ފައިލޭރިއާ ޖެހެނީ ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރިއްޔާއިންނެވެ. މިއީ މަދިރި އިންސާނާގެ ހަށިގަނޑުގައި ހެފުމުގެ ތެރޭގައި، 'ވޫކެރީރިއާ ބެންކްރޮފްޓީ" ކިޔާ ފަންޏެއް ހަށިގަނޑުގެ ތެރެއަށް ވާސިލްވުމުން ފެތުރޭ ބައްޔެކެވެ. ފައިލޭރިއާ ޖެހުމަށްފަހު ވެސް ބޭރަށް އަލާމާތްތައް ނުފެނު ހުރުން އެކަށީގެންވެއެވެ.

ނަމަވެސް ދިގު މުއްދަތަކަށްފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުން ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެއެވެ. އަދި އެންމެ އާންމު އަލާމާތަކީ ފައި ދުޅަވުން ކަމަށް އެޗްޕީއޭއިން ވަނީ މައުލޫމާތު ދެއްވާފައެވެ.