ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފަށާފައިވަނީ މިއަދު ފުށިދިއްގަރު ފަޅުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ފުށިދިއްގަރުފަޅުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ މި ސީޓިއަށް ކިޔުމަށް ހަމަޖެހިފައިވާ "ރަސްމާލެ" ކަން ހާމަކުރައްވާފައެވެ. މި ސިޓީއަކީ ޒީރޯ ކާބަން ސިޓީއެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ފުށިދިއްގަރު ފަޅުން 1،1501 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެ ތަނުގެ ބޮޑުމިން ހުޅުމާލެ 2 ގެ ތިން ގުނަ ވެގެންދާނެ ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއާއެކު މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އަށް ދާއިމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މި ސިޓީއަކީ ޒީރޯ ކާބަން ސިޓީއެއް ކަމަށް ރައީސް ވިދާޅުވެފައިވާއިރު އެ ތަން ތަރައްގީކުރާނީ 'މޯލްޑިވްސް އީކޯ ސިޓީގެ' ގޮތުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އެ ސިޓީގެ ހުރިހާ ކަމެއް ކުރާނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ.