"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އެ އިދާރާއަކީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށެވެ.

މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރީ ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ، މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" ކަމަށެވެ. ދައުލަތުގެ އިދާރާތަކުން ލިޔާ ސިޓީގައި ނަންބަރު ޖެހުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔާ ސިޓީގައި ޖަހާނީ 496 ކަމަށް ރައީސް އޮފީހުން ބުނެއެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ.

މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތްވެސް ހިމެނެއެވެ.