މާލޭގެ މަގުމަތިން ބުޅަލަކަށް ވަޅިން ހަމަލާދީގެން ހައްޔަރު ކުރި މީހާއަށް ދައުވާކުރަން ފުލުހުން ތައްޔާރު ވެއްޖެއެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މ. ކޮޅުފުށި އުމުރުން 45 އަހަރުގެ އަހުމަދު ނަސީމެވެ.

ނަސީމްގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އިތުރުކޮށްފައި ވާއިރު އިއްޔެ ވެސް ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް އިތުރު ކޮށްފައެވެ.

ނަސީމްގެ ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައިވާ ގޮތުން މި މައްސަލައިގައި ނަސީމްގެ މައްޗަށް ދައުވާކުރުމަށް ކުރިއަށް އޮތް 5-7 ދުވަސް ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވޭވާރު ވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ނަސީމްގެ ބަންދު ދަމަހައްޓަމުން އަންނަނީ ތުހުމަތުކުރެވޭ ކުށް ކަމަށްވާ ޖަނަވާރަކާ މެދު އަނިޔާވެރި އަމަލު ހިންގުމުގެ ކުށް ކުރި ކަމަށް ބެލެވޭ ވަރަށް ހެކި ހުރުމާއި މުޖުތަމައުގެ ސަލާމަތަށް މީނާގެ ސަބަބުން ނުރައްކާ ވެދާނެ ކަމަށް ފެންނާތީ ކަމަށް އެ އަމުރުގައި ވަނީ ބުނެފައެވެ.

އަހުމަދު ނަސީމް ހައްޔަރު ކޮށްފައި ވަނީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށާއި ތުުހުމަތާ ގުޅިގެން އަހުމަދު ނަސީމް ސީދާ ވާހަކަ ނުދެއްކި ނަމަވެސް ވީޑިއޯއަކީ މިހާރު ކޮންމެ މީހަކަށްވެސް ހެދިދާނެ އެއްޗެއް ކަމަށް ބުނެފައިވާ ކްރިމިނަލް ކޯޓުން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އަހުމަދު ނަސީމަކީ ބަންދު ލޮގް އޮތް ފަރާތެއް ކަމަށް ކްރިމިނަލް ކޯޓުން ފާހަގަ ކުރެއެވެ.

ނަސީމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ އަމީރު އަހުމަދު މަގާއި ކަސްތޫރި މަގު ގުޅޭ ކަންމަތީގައި އޮތް މާބަނޑު ބުޅަލަކަށް އޭނާ ހަމަލާ ދިން މައްސަލައެވެ.