ފުލުހުން ހިންގާ ތަހުގީގަށް އާރުޑީސީން ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ތަހުގީގު ކުރަނީ އާރްޑީސީއާ ގުޅޭ 13 މިލިއަން ރުފިޔާގެ ޕެޓީ ކޭޝް މައްސަލައެކެވެ.

ތަހުގީގަށް ހެކި ހޯދަން ކޯޓް އަމުރެއްގެ ދަށުން އާރްޑީސީގެ އޮފީހަށް ފުލުހުން ވަނީ އިއްޔެއެވެ. އަދި ރޭ 11 ޖަހާކަންހާއިރު ވަރަށް ގިނަ އަދަދެއްގެ ބޮކްސް ފައިލްތަކާއި ކަރުދާސްތައް ފުލުހުންގެ ޕިކަޕަކަށް އަރުވައިގެން ވަނީ ގެންގޮސްފައެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ.

އާރްޑީސީގެ ބީއެމްއެލް އެކައުންޓުން، އެކި ފަހަރު މަތިން ޖުމުލަ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކުރި މައްސަލަ ތަހުގީގުކުރަމުންދާއިރު އެ ފައިސާ ޖަމާކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކާއި ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު ހަސަންގެ ބޭންކު އެކައުންޓަށް ކަމަށް ބުނެ މީޑިއާތަކުން ކުރިން ރިޕޯޓު ކުރިއެވެ.

މި މައްސަލައާ ގުޅިގެން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އޭރު ވިދާޅުވެފައި ވަނީ އެ ފައިސާ އަކީ ޕެޓީކޭޝްގެ ގޮތުގައި ކުންފުނީގެ ސައިޓުތަކަށް ފޮނުވާ ފައިސާ ކަމަށެވެ.