ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ސީރީޒް "ގޭމް އޮފް ތްރޯންސް" ގެ ޕްރީކުއަލް "ހައުސް އޮފް ޑްރެގަން" ގެ ދެވަނަ ސީޒަން އަންނަ އަހަރުގެ ޖޫން މަހަށް ތާވަލްކޮށްފިއެވެ.

ޕޯސްޓް ޕްރޮޑަކްޝަންގެ ބޮޑުބައި މިހާރު ނިމިފައި އޮތް މި ސީރީޒްގެ ދެވަނަ ސީޒަންގެ ޝޫޓިން ވެސް ވަނީ މިހާރު އެއްކޮށް ނިމިފައެވެ. ނިއުޔޯކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްބީއޯ އިން ވަނީ މި ސީރީޒްގެ ދެވަނަ ބައި ޖޫން މަހު ދައްކާނެ ކަން އިއުލާންކޮށްފައެވެ. ނަމަވެސް ސީދާ ތާރީހެއް އަދި ހާމަކޮށްފައެއްނުވެއެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ނޫސްވެރިންނަށް ދެވަނަ ސީޒަންގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ޝޯގެ ފުރަތަމަ އެޕިސޯޑު އެޗްބީއޯ އިން ވަނީ ދައްކާފައެވެ. އަދި މި އެޕިސޯޑު ވެގެންދިޔައީ އެޗްބީއޯގެ އެންމެ ބޮޑު ޕްރިމިއާއަށް ވެސް މެއެވެ. އެއީ 10 މިލިއަނަށް ވުރެ ގިނަ މީހުން މި އެޕިސޯޑު ބަލާފައިވާތީއެވެ. ޖުމްލަ 10 އެޕިސޯޑުގެ މި ޝޯ އަކީ "ގޭމް އޮފް ތްރޯންސް" ގައި ހިނގާދިޔަ ހާދިސާތަކަށް ވުރެ 200 އަހަރު ކުރިން ހިނގި މުހިއްމު ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ޝޯއެކެވެ.

މި ޕްރިކުއަލް އަކީ ޖޯޖް އާރްއާރް މާޓިންގެ ޚިޔާލީ ވާހަކަ "ފަޔާރ އެންޑް ބްލަޑް" ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ. "ހައުސް އޮފް ޑްރެގަން" އިން ފެނިގެންދާނީ "ހައުސް އޮފް ޓާގޭރިއަން" ގެ ތެރޭގައި ތަޚުތުގެ ދަހިވެތިކަމުގައި ފަށާ ބޮޑު ސިޔާސީ ހަނގުރާމައެކެވެ. މިލީ އެލްކޮކް، މެޓް ސްމިތު، އޮލިވިއާ ކުކް އަދި އެމާ ޑާސީ ލީޑު ރޯލުން ފެނިގެންދާ މި ސީރީޒް އަކީ ވަރަށް ރީތި ސީރީޒެއް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ.