އެމްޓީސީސީގެ އިސްވެރިންނަށް ނާޖާއިޒް ފައިދާތަކެއް ހޯދައިދިނުމުގެ ބޭނުމުގައި، މިއަދު އެމްޓީސީސީން މަޝްރޫއެއްގައި ސޮއިކުރި ކަމަށް ބުނެ 'ދިޔަރެސް' ނޫހުން ލިޔެފައިވާ ހަބަރު ދޮގުކޮށް ހަގީގަތާ ހިލާފް އެފަދަ ހަބަރުތައް ނުފެތުރުމަށް އެމްޓީސީސީން އިލްތިމާސް ކޮށްފިއެވެ.

އެމްޓީސީސީން މިހެން ބުނެ ބަޔާނެއް ނެރެފައި ވަނީ، ނ. އަތޮޅުގެ ފަޅެއްގައި 3،00،000 ކިއުބިކް މީޓަރު ހިއްކުމާ ގުޅޭ މަޝްރޫއު އަކީ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުވާ 55 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ބުނެ، 'ދިޔަރެސް' ނޫހުގައި މިއަދު ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ. އެ ނޫޙުން ބުނެފައި ވަނީ، އެމްޓީސީސީން ހުށަހެޅި 55 މިލިއަން ޑޮލަރުގެ އަގުން 6.5 މިލިއަން ޑޮލަރު އުނިކޮށް ޑިސްކައުންޓެއް ދެއްވުމަށް އާޒިމް ނިންމަވާފައިވާ ކަމަށާއި އެކަމާ ބައެއް އިސްވެރިން އެއްބަސް ނުވާ ކަމަށެވެ.

އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެއީ ހަގީގަތާ ހިލާފް ހަބަރެއް ކަމަށާއި އެ މަޝްރޫއަކީ ބައިނަލްއަގްވާމީ ޕްރައިވެޓް އިންވެސްޓަރުން ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެއް ކަމަށެވެ. ވިޔަފާރި ކުންފުންޏެއްގެ ހައިސިއްޔަތުން އެ މަޝްރޫއު ކާމިޔާބު ކުރުމަކީ މިވަގުތު ކުންފުނީގެ މުހިންމު އަމާޒެއް ކަމުގައި ވެސް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ކްލައިންޓާއެކު މަޝްވަރާ ކުރަމުންދާ މި ދަނޑިވަޅުގައި ކުންފުނީގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އެފެއްދުމުގެ މަގްސަދުގައި މިފަދަ ހަގީގަތާ ހިލާފު ދޮގު ހަބަރު ފެތުރުމަކީ އެ މަޝްރޫއު ގެއްލިގެން ދާނެ ކަމުގެ ބިރު ވަރަށް އުފެދޭނެ ކަމެއް ކަމުގައި އެމްޓީސީސީން ބުނެއެވެ. މި ފަދަ ކަންކަމާ ގުޅިގެން ކުރިމަގުގައި ލިބެން ހުރި މަޝްރޫއުތަކަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަން ފާހަގަކޮށް އެ ކުންފުންޏަށް ލިބޭނެ ކަމަށް ލަފާކުރި ނަފާ ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ވޭތުވެދިޔަ 4 އަހަރު ކުރި މަސައްކަތުގެ ތެރެއިން ވާނީ "ޕްރައިސިން ޕޮލިސީ" ގެ ނަމުގައި، ކުންފުނިން ކުރާ ވިޔަފާރީގައި ފައިދާގެ ޕަސެންޓް ހިމަނާނެ މިންވަރު ބަޔާންކުރާ ޕޮލިސީއެއް އެކަށައަޅާފައި ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ކުރިމަތިލާ ކޮންމެ ވިޔަފާރި މުއާމަލާތެއްގައި އެ ޕޮލިސީގައި ބަޔާން ކޮށްފައިވާ ފައިދާގެ މިންވަރަށް ވުރެ ދައްކޮށް މަޝްރޫއެއް ކުރިއަށް ގެންދަން ކުންފުނީގެ މެނޭޖްމަންޓުން ބޭނުންވާ ނަމަ އެކަން ކުރިއަށް ގެންދަން ކަޑައްތު ކުރަންޖެހޭ މަރުހަލާތައް ވެސް އެ ޕޮލިސީގައި ބަޔާންކޮށްފައި ވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެގޮތުން ވަކި ޕަސެންޓަކަށް ވުރެ ވިޔަފާރީގެ މުއާމަލާތުގެ ފައިދާ ކުޑަ ވިޔަސް ޖުމްލަކޮށް ކުންފުނީގެ ވިޔަފާރި ފުޅާކުރުމަށް އޮތް ފުރުސަތު އިތުރުވާނަމަ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އިޒުނައާއެކު ކުރިއަށް ދިއުމަށް އެ ޕޮލިސީ ހުރަހެއް ނާޅަނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ނޫހުން މި ހަބަރު ލިޔެފައި ވަނީ ރައްޔިތުންގެ ހިތްތަކުގައި އެމްޓީސީސީއާ މެދު އޮތް އިތުބާރު ގެއްލުވާލަން ކަމަށާއި، އެ ކުންފުނީގެ އިސްވެރިންގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށް ބުނެފައި ވެއެވެ. އެ ހަބަރުގައި އެމްޓީސީސީ އަށް ކޮށްފައިވާ ތަހުމަތު ތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށާއި އެ ދޮގު ހަބަރު ވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށް ވެސް އެމްޓީސީސީން ބުނެއެެވެ.

އަދި ކުންފުނީގެ އިސްވެރިން ބަދުނާމުވާ ގޮތަށް މިފަދަ ހަބަރުތައް ނުލިޔުމަށް ދިޔަރެސް ނޫހަށް އިލްތިމާސް ކުރާ ކަމަށް ބުނަމުން އެ ކުންފުންނަށް ސަރުކާރުންނާއި، ހިއްސާދާރުންނާއި ކަސްޓަމަރުންނާއި ވިޔަފާރީގެ އެންމެހާ ބައިވެރިން އިތުބާރު ކުރާތީ އެކަމަށް ޝުކުރު އަދާ ކުރަކަމަށް ވެސް ބުނެފައި ވެެއެވެ.