ބީއެމްއެލް އިސްލާމިކް އިން ނޭޝަނަލް ޖޫނިއާ ސާފިން ޗެންޕިއަންޝިޕް 2023އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން ބުނީ، މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

މި މުބާރާތަކީ އަންނަ އަހަރަށް ގައުމީ ޖޫނިއާ ސާފިން ޓީމެއް އެކުލަވާލުމުގެ މަގްސަދުގައި މޯލްޑިވްސް ސާފިންގް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ހަރަކާތެކެވެ.

ނޭޝަނަލް ޖޫނިއާ ސާފިން ޓީމްގެ ބައިވެރިންތަކެއް / ފޮޓޯ: ބީއެމްއެލް

މިމަހުގެ 18 އިން އިން 21 އަށް ކުރިއަށްދާ މި މުބާރާތުގެ ތިން އުމުރުފުރާއަކުން ޖުމްލަ 16 ރާޅާއެޅުންތެރިން ވާދަކުރާކަމަށް ސާފިން އެސޯސިއޭޝަނުން ބުނެއެވެ.

މިއަހަރުގެ މުބާރާތުގައި ވެސް 14 އަހަރާއި 16 އަހަރު އަދި 18 އަހަރުން ދަށުގެ އުމުރުފުރާ ހިމެނެއެވެ. އަދި ކޮންމެ އެތުލީޓަކަށް ވެސް ދެ ކެޓަގަރީއެއްގައި ވާދަކުރުމުގެ ފުރުސަތު އޮވެއެވެ.

މިއަހަރުގެ މުބާރާތުން ވެސް އެކި އުމުރުފުރާތަކުން ވަނަތަކަށްދާ ރާޅާއެޅުންތެރިންނަށް އަންނަ އަހަރުގެ ގައުމީ ޖޫނިއާ ސާފިން ޓީމުން ފުރުސަތު ލިބޭނެއެވެ. މި މުބާރާތް ކުރިއަށްދާނީ މާލެ ރާޅުގަނޑު ސަރަހައްދުގައެވެ.