ތަމްރީނަށް ބޭނުންކުރާ ސިލިންޑަރެއް ގޮވާ ކުޅުދުއްފުށީ އެއާޕޯޓުގައި 4 މީހަކަށް އަނިޔާވެއްޖެއެވެ.

މި 4 މީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިސަރު މުހައްމަދު މޫސާ "ދަ ޕްރެސް" އަށް ވިދާޅުވީ އެ ހާދިސާގައި އަނިޔާވެ ފަރުވާ ދޭ 4 މީހުންގެ ތެރޭގައި ހިމެނެނީ 3 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ. އަދި އެ އެންމެންނަކީ އެއާޕޯޓް ފަޔަރުގައި ހަރަކާތްތެރިވާ މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

އެތަނުން 1 ފިރިހެނެއްގެ ހާލު ސީރިއަސް ނަމަވެސް އެހެން މީހުންނަށް ލިބިފައި ވަނީ ކުދި ކުދި އަނިޔާ ކަމަށް ވެސް މުހައްމަދު މޫސާ ވަނީ ވިދާޅުވެފައެވެ. އަދި ހާލު ސީރިއަސްވި މީހާގެ އޮޕަރޭޝަނެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިހާދިސާ ހިނގައިގެން އަނިޔާވި މީހުން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިއަދު 11 ޖަހާކަށް ހާއިރު ކަމަށް ވެސް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާ ހިނގާފައި ވަނީ އެއާޕޯޓްގައި އަލިފާން ނިއްވަން ބޭނުންކުރާ ސިލިންޑަރަކަށް ގޭސް އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.