ވ. ރަކީދޫ ސްކޫލަށް ވަނުމަށް އަދި ހުށަހަޅާފައިވަނީ 4 އަހަރު ނުފުރޭ 03 ކުދިންކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ވ. ރަކީދޫގައި 4 ކުއްޖަކު ތައުލީމުން މަހުރޫމުވެފައި ތިބުމުން ފެލިދެ އަތޮޅު ކައުންސިލުން ވަނީ އެކަން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ. ފެލިދެ އަތޮޅު ކައުންސިލުން ބުނީ ސަރުކާރުގެ ރަސްމީ ތައުލީމީ ނިޒާމުގެ ތެރެއިން ތައުލީމު ފޯރުކޮށްދޭންޖެހޭ، ސްކޫލަށް ވަނުމަށް އުމުރު ހަމަވެފައިވާ 4 ކުއްޖަކު މިވަގުތު ތައުލީމު ހޯދުމުގެ އެއްވެސް ފުރުސަތެއްނެތި ރަކީދޫގައި ދިރިއުޅެމުންދާކަމަށެވެ.

މިއީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކޮށް މިކަން ސަރުކާރުގެ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއްގެ ސަމާލުކަމަށް ގެނައުމަށް އެ އިދާރާއިން ބޭނުންވާ ކަމަށް ފެލިދެ އަތޮޅު ކައުންސިލުން ވަނީ ބުނެފައެވެ.

ފެލިދޫ ކައުންސިލާ ބެލެނެވެރިންގެ މި ކަންބޮޑުވުންތަކާ ގުޅިގެން އައިޝަތު އަލީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ރަކިދޫގައި ސްކޫލަށް ވަނުމަށް ހުށަހަޅާފައިވަނީ 4 އަހަރު ނުފުރޭ 3 ކުދިން ކަމަށެވެ. އަދި މިނިސްޓްރީގެ މައްޗަށް ލާޒިމް ވާނީ ހަތަރު އަހަރުން މަތީ ކުދިންނަށް ތައުލީމު ދިނުމަށް ކަން ފާހަގަކޮށް އައިޝަތު އަލީ ވިދާޅުވީ އެ އުމުރުފުރާގެ ކުދިން ތިބިނަމަ އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފައެވެ. އަދި އެޑިއުކޭޝަނުން ކިޔަވައިދޭން ފެށުމަށް ތައްޔާރުކަމަށްވެސް އައިޝަތު އަލީ ވިދާޅުވިއެވެ.

ރަކީދޫ ސްކޫލަކީ ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ސްކޫލު ބަންދުކުރެވިފައި ހުންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސްކޫލެކެވެ.