އިންތިހާބީ ރައީސް, ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ކަމަށް އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިރުޒުލް ވިދާޅުވީ، އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަކީ ގާނޫނުގައި ބުނާ ގޮތުންނަމަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކަމަށްވާތީ, އެ ރަސްމިއްޔާތުގެ ކަންކަން ބަލަހައްޓަވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ.

އިންތިހާބީ ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވީ އެ ރަސްމިއްޔާތު ނޮވެންބަރު މަހުގެ 17 ވަނަ ދުވަހު ހަވީރު ޖުމްހޫރީ މައިދާނުގައި ބޭއްވުމަށް ކަމަށާއި އެގޮތަށް ކަންތައް ތަރުތީބުވަމުން އަންނަ ކަމުގެ ޔަގީންކަން މަޖިލީހުން ދީފައިވާ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިހާތަނަށް މަޝްވަރާ ކުރެވިފައިވަނީ ކުރިން އިންތިހާބީ ރައީސް ވެސް އިޝާރާތް ކުރައްވާފައިވާ ފަދައިން ޖުމްހޫރީ މައިދާނުގައި މި ދަރުބާރު ބޭއްވުމަށް. މިހާރު މަޝްވަރާ ކުރެވިފައިވާ ގަޑިއަކީ 17 ނިވެމްބަރު ވާ ހުކުރު ދުވަހުގެ ހަވީރު ގެ ވަގުތެއްގައި މި ދަރުބާރު ކުރިއަށް ގެންދަން
ފިރުޒުލް

ފިރުޒުލް އިތުރަށް ވިދާޅުވީ, މޫސުންތަން ނުދޭނަމަ ބައެއް ބަދަލުތައް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު އިންތިހާބު ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށްޓަކައި ބެހެއްޓި 586 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން 19،291 ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވީ މުއިއްޒެވެ. އެގޮތުން މުއިއްޒަށް ލިބިވަޑައިގެންފައި ވަނި 129،159 ވޯޓެވެ. އަދި ދެވަނަ ބުރުގައި މުއިއްޒުއާއި ވާދަކުރެއްވި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސްގެ މައްޗަށް 15 ހާސް ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވި މުއިއްޒު ވަނީ އެ ބުރުގައި 101،635 ވޯޓު ހޯއްދަވާފައެވެ. ރައީސަށް އެ ބުރު ލިބިވަޑައިގަތީ 86،161 ވޯޓެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމާއެކު މުއިއްޒު ވެގެންދާނީ ދިވެހި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަތްވަނަ ރައީސެވެ. އެހެންކަމުން މުއިއްޒަކީ ރާއްޖޭގެ އަށްވަނަ ރައީސެވެ. އަދި ކުރިއަށް އޮތް 5 އަހަރުގެ ނައިބު ރައީސްގެ މަގާމުގައި ހުންނަވާނީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ)އެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ، އިންތިހާބީ ރައީސާ ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ޖެހެނީ އެ ކަމަށް ހާއްސަ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން އެ މުއްދަތުގައި ހާއްސަ އޮފީހެއް އުފައްދައި ގިނަ ކަންތައްތަކެއް ކުރަން އޮވެއެވެ.