ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ތެރަޕީއަށް ހާއްސަކޮށް އައްޑޫ ސިޓީގައި ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވީ، އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ޕީޕީއެމް ފޭދޫ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ ސިއްހީ ދާއިރާގެ ތަރައްގީއަށް ބަލާއިރު ކަންތައްތަކެއް ހުށަހަޅުއްވާފައިވާ ކަމަށާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް ތެރަޕީ ލިބޭނެ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއް އަޅައިދެއްވާނެ ކަމަށެވެ. އަދި އައްޑޫގެ އިތުރުން މާލެއާއި އުތުރުގެ އެއް ރަށެއްގައި އެ ފަދަ ހޮސްޕިޓަލެއް ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅު ތަކުންވެސް އެ ހިދުމަތް ހޯދަން އައްޑޫއަށް އަންނާނެ ކަމަށާއި އެ ހޮސްޕިޓަލް ވާނީ އިންޓަނޭޝަނަލް ފެންވަރުގެ ހޮސްޕިޓަލެށް ކަމަށެވެ. އަދި އެއާއެކު ތަފާތު ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށެވެ.
ބަލިވުމުގެ ކުރިން ބަލިތަކުން ރަނގަޅު ކުރުމަށް މީހުން ހޭލުންތެރިކުރުމަށާއި ވައްޓަފާޅި ބަދަލުކުރަން އިސްކަންދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ޕްރައިމަރީ ހެލްތް ކެއާއަށް ހާއްސަކޮށް އައްޑޫގައިވެސް ރަނގަޅު ފެންވަރުގެ ދަމަނަވެއްޓެއް ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު ވަނީ އައްޑޫގައި ހުރި ހޮސްޕިޓަލް މަތީ ފެންވަރުގެ ހޮސްޕިޓަލަކަށް ހަދައިދެއްވާނެ ކަމށާއި ހުރިހާ ހިދުމަތެއް ލިބޭ ތަނަކަށް އެ ހޮސްޕިޓަލު ހައްދަވައިދެއްވާނެ ކަމަށެވެ. އަދި އުމްރާނީ ތަރައްގީގެ ގޮތުންނާއި އިޖްތިމާއީ އަދި އިގްތިސޯދީ ކަންކަން އައްޑޫ ސިޓީގެ ކުރިއެރުމަށް މުއިއްޒު ވަނީ ޔަގީންކަންދެއްވަފައެވެ.
މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީގެ ގަމުގައި އެއާޕޯޓް އިތުރަށް ތަރައްގީކުރައްވާނެ ކަމަށާއި ޓޫރިސްޓުން ގެނައުމަށް މަތީ ފަންތީގެ އެއާލައިން އެކި ތަންތަނުން ޓޫރިސްޓުން ގެނެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ސީޕްލޭން ހަބެއް ގާއިމުކޮށްދޭނެ ކަމަށް މުއިއްދު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ފުރަތަމަ ބުރުގައި އައްޑޫއިން ދެއްވި ތާއީދަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ދެވަނަ ބުރުގައި ވޯޓަށް ދެ ދުވަސް ވެފައިވާ ކަމަށާއި ފުރަތަމަ ބުރުގެ ތާއީދަށްވުރެ ގިނަ ބައެއްގެ ވޯޓު މިހާރު ހޯދާ، ނަތީޖާ އިތުރަށް ރަނގަޅުކުރައްވާނެކަން ޔަގީން ކަމަށް މުއިއްޒު ވިދާޅުވިއެވެ.