ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މޯލްޑިވްސް ބްލަޑް ސާވިސަސް އާ ގުޅިގެން ލޭ ހިދިޔާ ކުރަން ކޭމްޕެއް މިއަދު ބާއްވައިފިއެވެ.

ބީއެމްއެލް އިން ބުނީ، މިއީ 2021 ވަނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް ލޭ ބޭނުންވާ މިންވަރަށް ބަލައި، ދެމެހެއްޓެނިވި ގޮތެއްގައި ލޭ ހަދިޔާކުރުމުގެ ބޭނުމުގައި ބީއެމްއެލްއިން ބާއްވަމުން އަންނަ ކޭމްޕެކެވެ.

އެގޮތުން ކޮންމެ ތިން މަހަކުން އެއް ފަހަރު އެ ކުންފުނީގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބީއެމްއެލްއިން އަންނަނީ މި ކޭމްޕު ބާއްވަމުންދާ ކަމަށް އެބޭންކުން ބުނެއެވެ.

ބީއެމްއެލް މުވައްޒަފުން ލޭ ހަދިޔާ ކުރުމުގެ ކޭމްޕުގެ ތެރެއިން ލޭ ހަދިޔާކުރަނީ / ފޮޓޯ: ބީއެމްއެލް

މިއަދުގެ ކޭމްޕުގައި 46 މުވައްޒަފަކު ލޭ ހަދިޔާކޮށްފައިވާއިރު މިއަހަރުގެ ފުރަތަމަ ދެ ކުއާޓާ ގައި 60 އަށް ވުރެ ގިނަ މުވައްޒަފުންނާއި އެފަރާތްތަކުގެ އާއިލާއިން ލޭ ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ، އެ ބޭންކުގެ އަމާޒަކީ މުވައްޒަފުން އިޖްތިމާއީ ކަންކަމަށް ހޭލުންތެރި ކުރުވުމާއި މުޖުތަމައަށް ފައިދާ ކުރަނިވި ހަރާކާތްތަކުގައި ބައިވެރިވުން އިތުރުކުރުން ކަމަށެވެ.