ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިދިޔަ ހޮނިހިރު ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ އެ މަޝްރޫއަކީ ހައުސިން މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށާއި އެ މަޝްރޫއުގެ އަގަކީ 152.04 މިލިއަން ރުފިޔާ ކަމަށެވެ.

ޒަމާނުއްސުރެ ތުރާކުނުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ނެތުމުގެ ޝަކުވާއާއި ރަށް ގިރުމުގެ މައްސަލައެވެ.

ނިމިދިޔަ ހަފުތާގެ ތެރޭގައި މޮބިލައިޒް ކުރެވުނު ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުުރމުގެ މަޝްރޫއުގެ މަަސައްކަތް ނިމުމާއެކު އެ ކަންކަމަށް ހައްލު ލިބިގެންދާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ ދަށުން 8.16 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1215 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ސޭންޑް ސާޗް ސާވޭއެއް ހެދުމުގެ މަސައްކަތް ހިމެނޭއިރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސްސަމެންޓެއް ހެދުމަށް ފަހު ކަމަށް އެމްޓީސީސީ އިން ބުނެއެވެ.