ގައުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ނަމަ ޖީއެމްއާރު ބޭރުކުރި ގޮތަށް އެެހެން މަޝްރޫއުތައް ވެސް ބާތިލް ކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން އދ. މަހިބަދުއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ބައެއް މަޝްރޫއުތަކުގެ އަޑި ނޭނގޭ ކަމަށާއި މިހެން ހުރި މަޝްރޫއުތައް ބައްލަވައި އިހުތިޔާރު ކުރައްވާނީ އެކަމުގައި ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތް ކަމަށެވެ.

އިންޑިޔާއާ ހަވާލުކޮށްފައިވާ އުތުރުތިލަފަޅު މަޝްރޫއުގެ މިސާލު ނަންގަވަމުން މުއިއްޒު ވަނީ ގައުމުގެ މިނިވަންކަމަށް ހުރަސްއެޅޭނަމަ އިންޑިއާގެ ޖީއެމްއާރް ބޭރުކުރި ގޮތަށް އެފަދަ މަޝްރޫއުތައް ބާތިލުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މުއިއްޒު ވަނީ މިނިވަންކަމަކީ “ނަންބަރު ވަން” ކަންތައް ކަމަށާއި މިނިވަންކަމަކާ މެދު ސުވާލު ކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

މިނިވަންކަން އެއީ ނަންބަރު ވަން. މިނިވަންކަމަކާ ނޯންނާނެ ސުވާލު ކުރޭވޭކަށް. މިތާ ތިބެވިގެން ނުވާނެ. އަޅުގަނޑު އެއްބަހެއް ވެސް ނުވާނަން
މުއިއްޒު

އެގޮތުން ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބެން އެއްބަސް ނުވާނެ ކަމަށް މުުއިއްޒު ވިދާޅުވިއެވެ.

ވިލިމާލެ ބްރިޖަށް އިޝާރާތް ކުރައްވާ ވިދާޅުވީ، އެއީ ރަނގަަޅު ޕްރޮޖެކްޓެއް ނަމަވެސް އަޑި ނޭނގޭ ޕްރޮޖެކްޓެއް ކަމަށާއި 5 އަހަރު ވީ އިރު ތަނބެއް ނުޖެހި ހަރަދުތައް ހިނގާ ކަމަަށެވެ. އަދި އެތާނގައި ބްރިޖެއް އެޅުމަކީ ރައީސް ޔާމީންގެ ވިސްނުންފުޅެއް ކަމަށާއި އެކަމަށް ޗައިނާ ސަރުކާރުން ފައިސާވެސް ހަމަޖެހިފައި ހުރި މަޝްރޫއެއް ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަން ހިނގާފައި ހުރި ގޮތް ބައްލަވައި ގައުމަށާއި ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ކަންކަން ނިންމަވާނެ ކަމަށެވެ.