ތަރައްގީގެ މަޝްރޫތައް ހިންގަވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށާއި އެކަމަށް ޝައްކު ނުކުރަން ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.
ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ލ. ހިތަދުއަށް ވަޑައިގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ރަށުގެ ރައްޔިތުން އެއާޕޯޓު އަޅައިދޭން އެދިފައި ވާއިރު އެކަމާ ގުޅިގެން ހިތަދޫ ރައްޔިތުން ގޮތްތަކެއް ބަލާފައި ވާ ކަމަށެވެ.
ހިތަދޫގައި އެއާޕޯޓު އަޅައްވައި ދެއްވާނެ ކަމަށް ސީދާ ވިދާޅުވި ނުވިނަމަވެސް ރައްޔިތުންނަށް ފައިދާވާނެހެން ކަންތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުން އެކަމުގައި އިތުބާރު ކުރުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ. މުއިއްޒު އިތުރަށް ވިދާޅުވީ، މިފަދަ ރަށެއްގައި [ހިތަދޫ] މަގުތައް ހުރީ ވަރަށް ދަށް ފެންވަރުގައި ކަމަށާއި މިދިޔަ ސަރުކާރުގައި އޮންނަން ޖެހޭނީ މަގުތައް ހެދިފައި ކަމަށާއި ނަމަވެސް އެކަން ނުވެ އޮތުމުން ހިތަދޫ މަގުތަކުގައި ތާރު އަޅައިދީ ރަނގަޅު ފެންވަރުގައި ތަރައްގީ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ރައްޔިތުން ބޭނުންވާ ފަދައިން ކުޅިވަރު ފެސިލިޓީއެއް އަދި އައިސް ޕްލާންޓެއް ގާއިމް ކޮށްދެއްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވެފައި ވާއިރު ނޫސްވެރިންނާ ވާހަކަދައްކަމުން ހިތަދޫ ހޮސްޕިޓަލުގެ ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު އަލީ އާސިފް ވިދާޅުވީ، ރަށުގެ ޒުވާނުން ތިބީ އެންމެ ކަމަކަށް ބޭނުންވެފައި ކަމަށެވެ. އެއީ އެއާޕޯޓު އެޅުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެއާޕޯޓު އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެދެނީ ކޮންމެ ސަރުކާރެއް އަޔަސް ހިތަދޫއާއި ކުނަހަންދޫ އަދި މާވަށާ އެއް ފަޅެއްގައި އޮންނަ މެންދޫގައި އެއާޕޯޓު އަޅައިދިނުން ކަމަށެވެ.
އަދި އެއާޕޯޓު އަޅައިދޭނެ ކަމަށް ވައުދުވާނަމަ ޔަގީނުން ވެސް ވޯޓު ދޭނެ ކަމަށް ހިތަދޫ ޒުވާނުން ވަނީ ބުނެފައެވެ.
މި ހަފްތާ ތެރޭގައި ކެމްޕެއިންނަށް މުއިއްޒު ވަނީ އ. ރ. ބ. ޅ އަދި ލ. އަތޮޅަށް ވަޑައިގެންފައެވެ. ލ އަތޮޅުގެ ދަތުރުގެ އެއްބައި ނިންމެވުމަށް މާލެ ވަޑައިގެން ރިޔާސީ ބަހުސް ނިންމަވާ ތ. އަތޮޅަށް ވަޑައިގެން އަލުން މިހާރު ހުންނެވީ ލ. ގެ ބާކީ އޮތް ރަށްތަކުގެ ތެރެއިން ބައެއް ރަށްރަށަށް ކުރައްވާ ދަތުރުގައި ލ ގައެވެ.