މި ސަރުކާރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 5 މަޝްރޫއެއްގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

އިއްޔެ މި މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

ނ. ފޮއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު

ސަރުކާރުން އިއްޔެ އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއުގެ ދަށުނ،ް 30,648 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބާ ބޭސިން ފުންކުރުމާއި 3990 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 165 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 145 މީޓަރުގެ ބޭރުތޮށި ލުމާއި 130 މީޓަރުގެ އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 125 މީޓަރު ދިގު 6 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި 600 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 53.75 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައި ވާ މަޝްރޫއުއެކެެވެ.

ގއ. ގެމަނަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު

މި މަޝްރޫއުގެ ދަށުން 37,516 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 65,330 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 201 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމާއި 11 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 221 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓާ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 210 މީޓަރުގެ ސޭންޑް ފިލްޑް ބޭރުތޮށި އިނާ ރިވެޓްމަންޓް ޖެހުމާއި 405 މީޓަރުގެ އެއްގަމުތޮށި ލުމާއި 2635 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 70.16 މިލިއަން ރުފިޔާއަށް 570 ދުވަސް ތެރޭގައި ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

ހއ. މާރަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު

މި މަޝްރޫއުގެ ދަށުނ،ް 9248 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 45,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުމާއި 1657 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 60 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 150 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި 17 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން 215 މީޓަރުގެ އެއްގަމުތޮށި ލުމާއި 194 މީޓަރުގެ މިހާރު ހުރި އެއްގަމުތޮށި މަރާމާތު ކުރުމާއި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި 70 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއ،ި 2291 އަކަ މީޓަރުގެ ސަރަހައްދެއްގެ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު އަކީ 43.98 މިލިއަން ރުފިޔާއަށް 480 ދުވަސްތެރޭ ނިންމުމަށް އެކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

ހއ. ތަކަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު

މި މަޝްރޫއުގެ ދަށުން 15,565 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން އަދި ނެރު ފުންކުރުމާއި 58 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 161 މީޓަރުގެ ބޭރުތޮށި ލުމާއި 98 މީޓަރުގެ ސޭންޑްފިލްޑް ބޭރުތޮށި އައުޓާ ރިވެޓްމަންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 244 މީޓަރުގެ އެއްގަމުތޮށި ލުމާއި 17 މީޓަރު ދިގު 7 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި 11 މީޓަރު ދިގު 3 މީޓަރު ފުޅާ ބްރިޖެއް ހެދުމަށް ވަނީ ހަމަޖެހި ފައެވެ. މީގެއިތުރުން 2463 އަކަ މީޓަރުގެ ހާބަރު ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ

މި މަޝްރޫއު އަކީ 46.59 މިލިއަން ރުފިޔާއަށް 420 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއު އެކެވެ.

އއ. ރަސްދޫ މަޑިވަރު ފިނޮޅުގެ ގޮނޑުދޮށަށް ވެލި އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު

މި މަޝްރޫއުގެ ދަށުން 2.60 ހެކްޓަރުގެ ވެލި، ގޮނޑުދޮށަށް އެޅުމާއި 415 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ މި މަޝްރޫއަކީ 27.61 މިލިއަން ރުފިޔާއަށް 250 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާ ހަވާލު ކޮށްފައިވާ މަޝްރޫއު އެކެވެ.

އެމްޓީސީސީ އިން ބުނީ ރަސްދޫގައި ހުންނަ ހުރިހާ ގެސްޓްހައުސްތަކުން ވެސް ގެސްޓުންނަށް ވިއްކަން އޮންނަ ސޭންޑް ބޭންކަކީ މަޑިވަރު ފިނޮޅު ކަމަށާއި ކައިރީގައި އޮންނަ 2 ރިސޯޓުން ބަރާބަރަށް ގެސްޓުން މަޑިވަރު ފިނޮޅަށް ޒިޔާރަތް ކުރާ ކަމަށެވެ. މަޑިވަރު ފިނޮޅު ގިރަމުން ދާތާ މިހާރު އަހަރުތަކެއް ވެފައި ވާއިރު ރަސްދޫ މަޑިވަރު ފިނޮޅުގެ ގޮނޑުދޮށަށް ވެލި އެޅުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު ފިނޮޅު ގިރުމުގެ މައްސަލަ ހައްލުވެ ޒަމާނީ ރީތި އަދި ހިމާޔަތް ވެފައިވާ ގޮނޑުދޮށެއް ލިބިގެން ދާނެ ކަމަށެވެ.

އިތުރަށް އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުމަށް ފަހު ކަމަށެވެ.