ކުންފުނިތަކުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފާނެތީ ކަންބޮޑުނުވުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިންނަށް ކުރައްވާ ދަތުރުގެ ތެރެއިން ބ. ދަރަވަންދުއަށް ވަޑައިގެން މިހާރު އެ ރަށުގައި ކުރިއަށް ގެންދާ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މުއިއްޒު ވިދާޅުވީ، ރަށްރަށް ވަޑައިިގަންނާއިރު މަރުހަބާ ކިޔަން އަންނަން ގިނަ ކުންފުނިތަކުގައި ވަޒީފާގައި ތިބި މުވައްޒަފުން ބޭނުންވާ ކަމަށެވެ. ނަމަވެސް އެކުންފުނިތަކުގެ އެރަށެއްގެ މެނޭޖަރުން ތިބެނީ މުވައްޒަފުން ނިކުމޭތޯ ބަލަން ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ، ވަޒީފާ ދެނީ މީހަކަށް ވަކި ގޮތަކަށް ތާއީދު ކުރުމަށް ޝަރުތު ކޮށްފައި ނޫން ކަމަށާއި އެހެންކަމުން އެކަން އެހެން ކޮށްގެން ނުވާނެ ކަމަށެވެ. މުއިއްޒު ވަނީ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑު ނުވުމަށް އެދިވަޑައިގެންފައެވެ.
އަދި ކުރިއަށް އޮތް 8 ދުވަސްތެރޭގައި ވަޒީފާއިން ވަކިކޮށްފިނަމަ އިންތިހާބު ކާމިޔާބު ވެވަޑައިގަތުމުން ވަޒީފާ އަނބުރާ ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވަނީ ދަރަވަންދޫ އެއާޕޯޓު ތަރައްގީ ކުރަން ޖެހޭ ކަމަށާއި އަދި ރަނގަޅު ފެނަވަރަށް ރަށުގެ މަގުތައް ހެދުން މުހިންމުކަން ފާހަގަ ކުރައްވާ އެކަންކަން ކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން ރައްޔިތުންނަށް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާގެ ކަންކަމަށް ސަމާލުކަން ދީގެން ކޮންމެ ރަށެއްގައި އެކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.