ޓައިޓޭނިކް ބަލައިލުމަށް ޓޫރިސްޓުން ގޮވައިގެން ފީނި "ޓައިޓެން" ސަބްމާސިބްލްގެ ކުންފުނި، އޯޝަން ގޭޓްސް އިން އެ ކުންފުނީގެ ހުރިހާ ސޯޝަލް މީޑިއާ އެކައުންޓެއް ޑިލީޓް ކޮށްލައިފިއެވެ.

ކަނޑު އަޑީގެ ސައިންޓިފިކް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ އޯޝަން ގޭޓުން އޮޕްރޭޓްކުރާ ޓައިޓޭން އެޓްލާންޓިކް ކަނޑު އަޑީގައި ހަލާކުވި ހާދިސާއާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އެ ކުންފުންޏަށް ވަނީ އަމާޒުވެފައެވެ. އަދި އެންމެ ފަހުން އެ ކުންފުނީގެ އޯޝަން ގޭޓްސްގެ ޓުވިޓާ، ފޭސްބުކް، އިންސްޓަގްރާމް އަދި ލިންކްޑްއިންގެ ހުރިހާ އެކައުންޓެއް ޑިލީޓްކޮށްފައިވާއިރު އެ ކުންފުނީގެ ވެބްސައިޓުވެސް ވަނީ ކަޅުކޮށްލާފައެވެ.

އޯޝަން ގޭޓްސްގެ ވެބްސައިޓަށް ވަނުމުން މިހާރު ކަޅު ބެކްގްރައުންޑެއްގައި އެ ކުންފުނީގެ ލޯގޯ އާއި އެކު ލިޔެފައިވަނީ މި ވަގުތު އެ ކުންފުނީގެ ހުރިހާ ދަތުރުތަކާ އޮޕަރޭޝަންތައް ހުއްޓާލާފައިވާ ކަމަށެވެ. އަދި ލިންކްޑްއިންގެ އެކައުންޓެއް މި ވަގުތު ނެތް ކަމަށް ދައްކާއިރު އެ ކުންފުނީގެ ޓުވިޓާ އެކައުންޓެއްވެސް ނެތް ކަމަށް ދައްކައެވެ. އެހެންނަމަވެސް އަދިވެސް އެ ކުންފުނީގެ އިންސްޓަގްރާމް އެކައުންޓް ފެންނައިރު އެ އެކައުންޓްގެ ހުރިހާ ފޮޓޯއެއް ވަނީ ޑިލީޓްކޮށްލާފައެވެ.

ކުއްލިއަކަށް އޯޝަން ގޭޓްސްގެ ހުރިހާ އެކައުންޓްތައް ސޯޝާލް މީޑިއާއިން ގެއްލިފައިވާއިރު މިކަމާ ގުޅިގެން އަދި އެ ކުންފުނިން އެއްވެސް ރަސްމީ ވާހަކައެއް ދައްކާފައެއް ނުވެއެވެ. ޓައިޓޭންގެ ބައިތައް ޓައިޓޭނިކް ފެތިފައި އޮތް ސަރަހައްދުން ހޯދީ މީހުންނާ ނުލައި ކަނޑުގެ އަޑި ހޯދާ ރޮބޯޓިކް މެޝިނެއް ބޭނުންކޮށްގެން ކުރި މަސައްކަތުންނެވެ.