އިސްލާމްދީނާމެދު ނަފްރަތު އުފެދޭ އަދި ތަފާތުކުރުންތަކާއި ހަމަނުޖެހުމަށް ހިތްވަރުދޭ އަމަލުތައް ހުއްޓުވުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ހުށަހެޅި ގަރާރު ފާސްވެއްޖެއެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ހުށަހެޅި މި ގަރާރަކީ މުސްހަފް އެންދުމާއި ގުޅިގެން ކުއްލި ބަހުސަކަށް ގޮވާލައި އޯއައިސީގެ ފަރާތުން ހުށަހެޅި ގަރާރެކެވެ. އޯއައިސީގެ މެންބަރު ގައުމުތަކުން ބައިވެރިވި މި ބަހުސްގައި އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 28 މެންބަރު ގައުމެއްގެ ތާއީދު ލިބިފައިވާއިރު ރާއްޖެއިންވެސް ވަނީ މި ގަރާރަށް ތާއިދު ކޮށްފައެވެ.

މި ޑިބޭޓުގައި ދިވެހިރާއްޖެ އިން ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު ވަނީ މުސްހަފު އެންދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ. އެފަދަ އަމަލުތަކުގެ ސަބަބުން އިޖުތިމާއީ ފޭރާމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުވާލަމުން އާސިމް ވިދާޅުވީ މިފަދަ އަމަލުތަކަކީ ހިޔާލު ފާޅުކުރުމުގެ ހައްގުގެ ދަށުން ބަލައިގަނެވޭނެ އަމަލުތަކެއް ނޫންކަމަށެވެ.

މީގެ އިތުރުން އާސިމް ވަނީ މުޖުތަމައުގެ ހަމަޖެހުމާއި މަސަލަސްކަން ގާއިމުކުރުމަށް މިފަދަ އަމަލުތައް ނިމުމަކަށް ގެނައުމަށް ގޮވާލައްވާފައެވެ.

ސްވިޑަންގެ އިތުރުން ދުނިޔޭގެ ބައެއް ގައުމުތަކުގައި ކީރިތި ގުރުއާން އެންދުމާ، ގުރުއާނާ މެދު އިހާނަތްތެރިކޮށް ހިތުން އިތުރުވަމުން އަންނައިރު މިކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.