ހދ. ކުމުންދު އަށް ހިލަ ހިފައިގެން ދިޔަ އެމްޓީސީސީގެ ބާޖެއް އެ ރަށު ނެރުމައްޗަށް އުރިއްޖެއެވެ.
އިއްޔެ ހަވީރު ނެރު މައްޗަށް އުރުނު ބާޖު ތިލަ ކުރުމަށް މަސައްކަތް އިއްޔެއިން ފެށިގެން ކުރަމުން އަންނަ އިރު އެ ރަށު ކައުންސިލުން ބުނީ އެ ބާޖު އަދި ފުން ނުކުރެވޭ ކަމަށެވެ. އިތުރަށް އެ ރަށު ކައުންސިލުން ބުނީ ބާޖު ފުންކުރުމުގެ މަސައްކަތް ކުރަމުން ދަނީ ޓަގު ބޯޓެއް ބޭނުންކޮށްގެން ކަމަށެވެ. ނަމަވެސް އެންމެ ޓަގު ބޯޓަކުން ބާޖު ފުންކުރުމުގެ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ދިޔަވަރު ބޮޑު ވާ ގަޑީގައި ބާޖު ފުންކުރުމުގެ މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ބާޖު އޮތީ ނެރުގެ އެއް ފަޅިއެއްގައި ކަމުން އެހެން އުޅަނދުފަހަރު ފަޅަށް ވަދެ ނިކުތުމަށް ދަތި ނުވާ ކަމަށްވެސް ކައުންސިލުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެހާ ބޮޑު ބަރު ބާޖެއް ނެރުމައްޗަށް އުރުމުން ނެރަށް ވަރަށް ބޮޑު ގެއްލުމެއް ވާނޭކަމަށް ލަފާކުރެވޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
ނެރުމައްޗަށް އުރުނު ބާޖަކީ އެ ރަށުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ހިލަ ހިފައިގެން ދިިޔަ ބާޖެކެވެ.