ޗައިނާގެ ސިޓީއެއް ކަމަށް ވާ ޔިންޗުއާންގައި ހުންނަ ބާބަކިއު ރެސްޓޯރަންޓެއްގައި ރޯވެ 31 މީހަކު މަރުވެ 7 މީހަކު ޒަހަމްވެއްޖެއެވެ.
ރެސްޓޯރަންޓްގެ ސީސީޓީވީ ފްޓޭޖުތަކުން ފެންނަ ގޮތުގައި، ރެސްޓޯރަންޓުގައި ރޯވީ، އެތާ އެތެރޭގައި ހުރި ގޭސް ޓޭންކެއް ގޮވުމުގެ ސަބަބުން އަލިފާން ރޯވެގެންނެވެ.
ޒަހަމްވި މީހުންގެ ތެރެއިން 1 ގެ ހާލު ސީރިއަށް އިރު ދެން ތިބި މީހުންނަށް އެކިވަރުގެ ޒަހަމްތައް ވަނީ ލިބިފައެވެ.
ރޭ އިރާކޮޅު ހިނގި މިހާދިސާއާ ގުޅިގެން މީހުން ސަލާމަތް ކުރުމުގައި 100 އަށް ވުރެ މީހުން ހަރަކާތްތެރި ވި އިރު މުޅި ތަން ކޮންޓްރޯލް ކޮށް ނިންމާލެވުނީ ފަތިހު 4 ޖެހި ފަހުން ކަމަށް ހަބަރުތައް ބުނެއެވެ.
ޗައިނާ ސަރުކާރުގެ މީޑިއާތަކުން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ރެސްޓޯރަންޓް ހުރި ބިލްޑިން ރޯވެ އަނދާފައި ވާ އިރު ބޭރު އޮތީ އެކަށްހެން ކަޅުވެފައެވެ. ކޮންމެވެސް ވަރަކަށް ދުމުގެ އަސަރު ފެންނަން ހުރި އިރު، ރެސްޓޯރަންޓްގެ ބޭރާއެކު މަގުމަތީގައިވެސް އޮތީ އެ ގޮވުމާއެކު ބުރަބުރައިގެން ދިޔަ އެތިކޮޅުތަކެވެ.
އޮފިޝަލުްނ ސްޓްރެޗާ ބޭނުންކޮށްގެން އިމާރާތުގެ ބޭރުން ދެވަނަ ފަންގެފިލާއަށް ވަދެ ސްޓްރެޗާތަކުގެ މީހުން ނެރޭ މަންޒަރުވެސް އާންމު ކުރި ފޮޓޯތަކުން ފެނެއެވެ.
މިހާދިސާ އާ ގުޅިގެން، އެއީ ފިލާވަޅެއް ކަމަށް ވިދާޅުވެ ޗައިނާގެ ރައީސް ޝީ ޖިންގް ޕިން ވަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ކަމާބެހޭ އިދާރާތަކުގެ އޮފިޝަލުންނަށް އަންގަވާފައެވެ.
މިހާދިސާ ހިނގާފައި ވާ ގޮތް ހާމަ ކުރަމުން ފުލުހުން ބުނީ، ހާދިސާ ހިނގާފައި ވަނީ ގޭސް ސިލިންޑަރުގެ ވޭލެއް ހަލާކުވެ ލީކްވާކަން އެތާނގެ 2 މުވައްޒަަކަށް ފާހަގަ ވެގެން، އެކަކު ފޮނުވާ ވޭލެއް ގަނެގެން ގެނެސް ވޭލު ބަދަލުކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އެ މައްސަލަ އެހެން ދިމާވުމާ ގުޅިގެން 9 މީހަކު ހައްޔަރު ކޮށް އެ ރެސްޓޯރަންޓާ ގުޅޭ ފަރާތްތަކުގެ މުދާ މިހާރު ހިފަހައްޓާފައި ވާ ކަމަށް ވެސް ހަބަރުތައް ބުނެއެވެ. އޭގެ ތެރޭގައި ރެސްޓޯރަންޓުގެ މެނޭޖަރާއި އެތާންގެ ޝެއާހޯލްޑަރުން ވެސް ހިމެނެއެވެ.
މިހާދިސާ ހިނގާފައި މިވަނީ، ޗައިނާއަށް އަންނަ ޑްރެގަން ބޯޓް ފެސްޓިވަލާ އެކު ފާހަގަ ކުރާ ސަރުކާރު ބަންދު ދުވަސްތައް ފެށިތާ 3 ވަނަ ދުވަހު އާންމުން އެތަން މިތަނަށް އާއިލާތާކާއެކު ގޮސް ވަގުތު ހޭދަކުރަމުން ދާ ދުވަސްވަރެއްގައެވެ. އަދި އެހާ ގިނަ ބަޔަކު މަރުވީ އެ ރެސްޓޯރަންޓަކީ ގިނަ ބަޔަކު ވަންނަ ރެސްޓޯރަންޓަކަށް ވުމާއި ހޮލިޑޭ ދުވަސްވަރުކަމަށް ވުމުން ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.