ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް އިންނެވުމުން، ސަރުކާރު މެންބަރުން ނިޒާމީ ނުކުތާ ނަގައި، ޖަލްސާ ހޫނުކޮށްލައިފިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އަފީފް އިންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ މައްޗަށް މަޖިލީހަށް ވައްދާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ސަބަބުން ދެ ބޭފުޅުން ވެސް ރިޔާސަތުގައި އިންނެވުމަށް އުޒުރުވެރިވެ ވަޑައިގަތުމުންނެވެ.

އަފީފް ރިޔާސަތުގައި އިންނަވައި ޖަލްސާ ފެއްޓެވުމާ އެކު، ސަރުކާރު މެންބަރުން ވަނީ ނިޒާމީ މައްސަލަ ނަންގަވައި، ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާފައެވެ. އެ މެންބަރުންގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ އާއި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްގެ އިތުރުން، ކެޔޮދޫ ދާއިރާގެ މެންބަރު ހަސަން ގާސިމް ހިމެނެއެވެ.

އެ ބޭފުޅުން ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވަމުން ގެންދެވީ، އަފީފް ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ ގަވައިދާ ހިލާފަށް ކަމަށާއި، ޖަލްސާ ހިނގަމުން ދަނީ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި އަފީފް ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ ކޮން އުސޫލަކުންތޯ، އެ މެންބަރުން އައްސަވަމުން ގެންދެވިއެވެ. ޖަވާބުގައި އަފީފް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް ރިއާޔަތް ކުރެއްވުމަށެވެ.

އަފީފާ، ރިޔާސަތު ބެލެހެއްޓުން ހަވާލުކުރައްވާފައި ވަނީ މަޖިލީހުގެ ކޮން ގަވައިދަކުންތޯ މެންބަރުން ތަކުރާރުކޮށް ސުވާލު އުފައްދަވަމުން ގެންދެވިއެވެ. ޖަވާބުގައި އަފީފް ވިދާޅުވީ، އޭނާ ރިޔާސަތާ ހަވާލުވެވަޑައިގަތީ މަޖިލީހުގެ ގަވައިދުގައިވާ ގޮތުގެ މަތިން، ޖަލްސާގެ ރިޔާސަތު ބެލެހެއްޓުމަށް ނަޝީދާއި އީވާ އުޒުރުވެރިވެ ވަޑައިގަތުމުން ކަމަށެވެ. އެ ނޫން ހާލަތުގައި ރިޔާސަތު ބެލެހެއްޓުމަށް މެންބަރުންނާ ހަވާލު ކުރައްވަނީ މަޖިލީހުގެ ރައީސް ކަމަށް އޭނާ ވިދާޅުވިއެވެ.

އަފީފްގެ ޖަވާބާ މެދު ހިތްހަމަނުޖެހި، ސަރުކާރު މެންބަރުން ގެންދެވީ ފުލުފުލުގައި ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.

މިއަދުގެ ޖަލްސާގެ އެޖެންޑާގައި އެންމެ ފުރަތަމަ އޮތީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާ، މުޣުނީ ކުރައްވާ ސުވާލު ކުރުމެވެ. ނަމަވެސް، ސުވާލު ކުރެއްވުމުގެ ބަދަލުގައި، ނިޒާމީ މައްސަލަ ނަންގަވައި މުޣުނީ ކުރިއަށް ގެންދެވުމުން، ނަހުލާ އާ ސުވާލުކުރުން ވެސް ކުރިއަކަށް ނުގެންދެވުނެވެ.

ޖަލްސާ ކުރިއަށް ދިޔަ ވަގުތު، ސަރުކާރުގެ މެންބަރުން ވަނީ އަފީފަށް ނިސްބަތްކުރައްވައި "މުގާބޭ" ގެ ނަމުން މުހާތަބު ކުރައްވައި، ރިޔާސަތުން ފައިބާވަޑައިގަތުމަށް އެއް އަޑަކުން ގޮވާލައްވާފައެވެ.

މެންބަރުން އަޑުގަދަކުރައްވަން ފެއްޓެވުމުން އަފީފް ވަނީ ޖަލްސާ މެދުކަނޑާލެއްވިއެވެ. ފަސް މިނެޓަށް ޖަލްސާ މެދުކަނޑާލެއްވި ނަމަވެސް، އަލުން ފެށޭ ވަރުވީ 25 މިނެޓު ފަހުންނެވެ. ޖަލްސާ އަލުން ފެށުމަށް ފަހު، އަފީފް ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުއްލި މައްސަލައެއް ހުށަހެޅުއްވުމަށް ފުރުސަތު ދެއްވާފައެވެ. ނަމަވެސް ސަރުކާރުގެ މެންބަރުން އަޑުގަދަކުރައްވައި، މަޖިލީހުގެ ނިޒާމް ގެއްލުވާލުމުން، އަފީފް ވަނީ މިއަދުގެ ޖަލްސާ ނިންމަވާލައްވާފައެވެ.