އެމްޑީޕީ މައި ހަރުގޭގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނުގައި ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވައިފިއެވެ.
މިއަދު ހަވީރު އެތަނުގައި ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުޅުވާފައި ވަނީ އެތަން ހުސްކުރަން ވެރިފަރާތުން އެންގުމާ ގުޅިގެން އެމްޑީޕީއިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފާ ވަނިކޮށެވެ.
އެމްޑީޕީގެ އެކްޓިވިސްޓެއްގެ ގޮތުގައި ކުރިން ފާހަގަކޮށްލެވޭ ޝަފިއްޔާ ޒުބައިރަކީ އެތަނުގެ ވެރިފަރާތް ކަމަށް ވާއިރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ބުނީ މިހާރު އެތަން ކުއްޔަށް ދީފައިވަނީ ސިޔާސީ ހަރަކާތެއް ހިންގަށް ނޫން ކަމަށާއި އެތަން ކުއްޔަށް ދީފައި ވަނީ ވިޔަފާރިވެރިއަކަށް ކަަމަށެވެ. އަދި ދަ ޑިމޮކްރެޓްސް އާއެކު އެއްވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ނުވާ ކަމަށް ވެސް ޝަފިއްޔާ ވަނީ ބުުނެފައެވެ.
އެތަން ހުސްކުރަން މިދިޔަ މާޗު މަހުގެ 30 ވަނަ ދުވަހު އެމްޑީޕީއަށް ނޯޓިސް ދިނީ އެ ޕާޓީގެ ވެރިންނާ ވާހަކަދައްކާތާ ދުވަސްތަކެއްވީ ފަހުން ކަން ފާހަގަކޮށް ޝަފިއްޔާ ބުނީ އެގޮތަށް އެންގީ އެ ގެ އިމާރާތްކުރުމުގެ މަސައްކަތަށް ކަމަށެވެ. އަދި އެ ނޯޓިސްގެ ޖަވާބު އެމްޑީޕީއިން ފޮނުވީ 26 އޭޕްރީލްގައި ކަމަށާއި އެ ސިޓީގައި ބުނެފައިވަނީ އަދި އެތަނުގައި މަޑުކުރަން ބޭނުންވާތީ ޖުލައި 31 އަށް އެތަން ހުސްކޮށްދޭނެ ކަމަށެވެ.
ޝަފިއްޔާ ބުނީ އެމްޑީޕީއާއެކު އޮކްޓޯބަރު 2019 ގައި އެއްބަސްވުމެއް ހެދިފަހުން މުއްދަތު އިތުރުކުރަންވެސް އެ ޕާޓީއިން އިތުރަށް އެދިފައި ނުވާ ކަމަށާއި އޭރު ހެދި އެއްބަސްވުމުގައި، އެ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ އިތުރު ނޯޓިސްއެއް ދިނުމަކާ ނުލާ ވެރިފަރާތަށް އެތަން ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
މިހާރު އެތަން ކުއްޔަށް ދީފައިވަނީ އިމާރާތްކުރަން ފެށެންދެން ކަމަށްވެސް ޝަފިއްޔާ ފާހަަގަކުރިއެވެ. އަދި މީގެ ކުރިން އެމްޑީޕީއިން ވެސް އިންވެސްޓްކުރަން ޝައުގުވެރިކަން ހުރި ކަމަށް ބުނެ ކުރެހުންތަކެއް ހުށަހެޅި ކަމަށާއި އެކަން އަމަލީ ގޮތެއްގައި ފެނިފައިނުވާ ކަމަށް ޝަފިއްޔާގެ ގާނޫނީ ވަކީލު ހަމްޒާ ވަނީ ބުނެފައެވެ.
ޝަފިއްޔާ އިތުރަށް ބުނީ އެމްޑީޕީއިން ޝަފިއްޔާގެ ވިޔަފާރިއަށް ހުރަސް އަޅަމުން ދިޔަ ކަމަށާއި އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑު ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ބަދަލު ހޯދުމަށް އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރަން ގަސްތުކުރާ ކަަމަށްވެސް ޝަފިއްޔާ ބުނެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އުފެދުނު ހަމަނުޖެހުމާއެކު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެއްދި ދަ ޑިމްކްރެޓްސް އިން ގެންދަނީ ރަސްމީކޮށް ސިޔާސީ ހަރަކާތްތައް ހިންގަމުންނެވެ. އެ ޕާޓީއަށް ގިނަ އަދަދެއްގެ އެމްޑީޕީގެ މެންބަރުން ސޮއިކުރަމުން ދާއިރު ސަރުކާރު ވަޒީފާގައި ތިބި ގިނަ އަދަދެއްގެ މެންބަރުން ސޮއި ކުރާތީ ވަޒީފާއިން ވަކިކުރަމުން ވެސް އެބަ ގެންދެއެވެ.