ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށޭ ބުނާތީ އަހާބަޔަކު އުޅުނަސް އެއީ ކޮންކަމަކަށް އިޝާރާތް ކުރާ ވާހަކައެއް ކަން ނޭނގޭ އެތައްބަޔަކު އުޅޭނެއެވެ. ތޮށައްޔަކީ އިހުގައި ނިކަން ރީތިކޮށް ވިޔެ، ބިއް ބެއްދުމަށާއި، ފުރާޅުފަދަ ތަންތަން ހިޔާކުރާން ފަނުން ފިޔެފައި ހުންނަ އެއްޗެކެވެ. ވިޔެ ނިންމާ ދޫކޮށްލާ ތޮށަލީގައި ބަނޑިބަނޑި (ދުޅަ) ހުރެއެވެ.

ދުނިޔެއާ ގުޅުވައި އެ މިސާލު ބޭނުން ކުރާ ކިތަންމެ ހާލަތެއް ހުރެއެވެ. އާންމު ދިރިއުޅުމުގެ ކަންކަމާއި ސިޔާސީ މައިދާނާއި އިޖުތިމާއީ އަދި އިގްތިސޯދީ ކަންކަމާ ގުޅުވާ ހަދައެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހަކީވެސް އެ މިސާލުން މިން ކުރެވިދާނެ މަޝްރަހެކެވެ. ކުރިން އެކުގައި އުޅެ ފަހުން ހަތުރުންނަށް ވެ ދެން މިތުރު ވާ އެތައް ބަޔަކު ފެނެއެވެ. އަދި މާ އަވަސް އަވަހަށް "ދުލި ބަދަލު" ކުރާ މީހުންވެސް ފެނެއެވެ. މި ދުލި ބަދަލު ކުރުމަކީވެސް ހަމަ އެޒާތުގެ މިސާލެކެވެ. އެމީހާ ހުންނަ ގޮތް ނޫން ނުވަތަ ގަބޫލުކުރާ ސިޔާޔީ ވިސްނުން ބަދަލުކުރާ ކުރުމަށް ވިސްނާށެވެ.

އިއްޔެ ސޯޝަލްމީޑިއާގެ މަންސަތަކުގައި ޝައުގު ހުރީ ހަތުރުން ކަމުގައި ބަޔަކު ގަބޫލުކުރަމުން އައި ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ވެރިންގެ ހަވީރުގެ ސައިގެ ފޮޓޯއަކަށެވެ. މާގިރި ހޮޓަލުގެ ހިތްގައިމު ޓެރަސްގައި އެއްމޭޒު ދޮށުގައި ފެނާއި ދުފާ އަޑަފި ބަހައްޓައިގެން ތިއްބެވީ އާދައިގެ ބައެއް ނޫނެވެ. ސިޔާސީ މަސްރަހަށް ލޮޅުން ގެނުވާވަރުގެ އާރުކާޓީއެކެވެ.

މޭޒުގެ އެއްފަރާތުގައި ތިއްބެވީ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ފިކުރު (ޕީޕީއެމް/ޕީއެންސީ) ކޯލީޝަން އަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް އާއި ޕީޕީއެމްގެ ސެނެޓު މެމްބަރު އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ތާރިގެވެ.

މޭޒުގެ ކޮޅުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ކެންދޫ ދާއިރާ ތަމްސީލު ކުރައްވާ މެމްބަރު އަލީ ހުސެއިން އިންނެވި އިރު މޭޒުގެ އަނެއް ފަރާތުގައި ތިއްބެވީ ފިކުރެއްގެ ދިރުމުގެ ފަރާތުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަލީ އާޒިމްގެ އިތުރުން އެމްއެންޕީގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

އިދިކޮޅު ޕީޕީއެމް އިން އުމަރު ނަސީރާ ބައްދަލު ކުރުން / ފޮޓޯ: އުމަރު

ޕަޕަރާޒީންގެ ލެންސަށް އެރި މުހިންމު ފޮޓޯއެކެވެ. ފެންނަ ފެނުމަށް މުހިންމު މަޝްވަރާއެއް ހިނގަނީއެވެ. އިހުގައި ވެރިކަން ވައްޓާލުމުގައިވެސް މިބާވަތުގެ ސައްލާތައް ހިނގާފައި އެބަހުއްޓެވެ. އޭރު ޕަޕަރާޒީން ނޫޅުނަސް ފޮތްތަކުގައި އެވާހަކަތައް ލިޔެފައި އެބަހުއްޓެވެ.

ކުރީ ކޮން ސައްލާއެއް؟

މާ ގިނަ ވާހަކަތަކެއް ނެތެވެ. އޮތީ އެންމެ ވިސްނުމެކެވެ. އެއީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނެވި އިބްރާހިމް މުހައްމަދު ސޯލިހު އަޒުލްކުރުމުގެ ވާހަކައެވެ.

އެ ސައްލާގައި ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކު ވިދާޅުވީ، އެއީ ޗާގޯސް މައްސަލަ ކަމަށެވެ. ރާއްޖޭގެ ދެކުނުން އޮންނަ ފަޅު ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސް އަށް ދޫކޮށްލައި، އެ ފަޅުރައްތަކުން ފެށިގެން ރާއްޖެއާ ދެމެދު ކަނޑުގެ މެދުން ދެމި ރޮންގުގެ މައްސަލަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ރައީސްގެ އިތުބާރު ގެއްލިއްޖެ ކަމަށާއި އެހެން ކަމުން ދެން ކަން ކުރަންވީ ގޮތަކާއި ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމާ މެދު ކުރެވުނު ސައްލާއެއް ކަމަށެވެ.

އިދިކޮޅުގެ ބަސްމަގު ހުރީ ސީދާ ރައީސް އަޒުލްކުރުމަށެވެ. އެކަން ކުރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން ކަމަށް ވާއިރު އެމަގަށް މަސައްކަތް ކުރުމަށް އިދިކޮޅުން ލޮބީ ކުރަނީއެވެ. ހަމައެފަދަ އެހެން ބައްދަލުވުމެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއެކު ވެސް އިދިކޮޅުން ބާއްވައިފިއެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ އިދިކޮޅުން ބާއްވަން ރާވަމުން ގެންދާ "ޗަ ގޯސް" ބޮޑު އެއްވުމަށް އުމަރުގެ ތާއީދުވެސް ހޯދުމެވެ.

ޗަ ގޯސް ވީ ކީއްވެ؟

ޗާގޯސްގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރެއް އޮތް ކަމަކަށް އަދި ޗާގޯސް އާއި ދިވެހިރާޖެއާ ދެމެދު އިމުން ފުށޫ އެރި މައްސަލައިގައި އެއީ ދިވެހިންނަށް ހައްގު ނޫން މިންވަރެއް ކަމަށް އެއް އިރަކުވެސް ދިވެހި ސަރުކާރުތަކުން ވަކާލާތު ކޮށްފައެއް ނެތެވެ. ޖުލައި 26، 1965 ގައި ރާއްޖެ މިނިވަން ވީއްސުރެ އަދާ ހަމަކޮށް 58 އަހަރު ގުނި ނަމަވެސް އެ ކްލެއިމް ނުވަތަ އެ ސަރަހައްދަށް ދިވެހިންގެ ހައްގެއް އޮތް ކަމަށް ވަކާލާތު ކޮށްފައެއް ނެތެވެ. ފެންނަން އޮތް ތާރީހުތަކުން އެނގެން އޮތް ގޮތުގައި ރާއްޖޭގެ މުޅި ސަރަހައްދުގެ ސިޔާދަތީ މިނިވަންކަން ނުވަތަ އިސްތިގުލާލް ލިބިފައި ވަނީ މާޗް 29، 1976 އެވެ. އޭގެ ކުރިން 1887 އިން 1976 އާ ދެމެދު ސަރަހައްދު ކަނޑައެޅުމުގައި ރާއްޖެއަށް ސިޔާދަތީ މިނިވަން ލިބިފައެއް ނުވެއެވެ. 1965 ގައި ހާރިޖީ މިނިވަންކަން ލިބުނު ނަމަވެސް އައްޑުއަތޮޅު ގަން ދިވެހިންނަށް ލިބުނު ތާރީހަކީ މާޗް 29، 1976 އެވެ.

އެ ތާރީހަށް ވުރެ މާ ފަހުގެ ތާރީހެއް ކަމަށް ވާ، 1996 ގައި އުފަން ކުރި "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނޫ" ގެ ދަށުން ހާއްސަ އިގްތިސޯދީ ސަރަހައްދު ނުވަތަ (އީއީޒެޑް) ގެ ގޮތުގައި 200 ނޯޓިކަލް މޭލު ކަނޑައެޅިއެވެ. އޭރުން ސުރެ ފެށިގެން ދިވެހިން ގަބޫލު ކުރަމުން ދިޔައީ އަދި އެންޖޯއީ ކުރަމުން ނުވަތަ އެ ސަރަހައްދަށް ގޮސް އުޅުމުގައި ހުރަހެއް ނެތި އުޅެމުން ދިޔައެވެ. އެހެން އެކަން ހިނގަމުން ދަނިކޮށް ހުސްވި އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ކޯޓު (އިޓްލޮސް) އިން ނިންމި ނިންމުމަކުން 'ޗަ ގޯސް' ވިއެވެ. އެ ނިންމުން ނިންމުމާއެކު ރާއްޖެއިން އެންޖޯއީ ކުރަމުން ދިޔަ 200 މޭލު 135 އަށް ކުޑަވެއްޖެއެވެ. ޗަ ގޯސް ވާ ކަމަކީ، މީހުން ނޫޅޭ ފަޅުރައްތަކެއް (ޗާގޯސް އައިލޭންޑްސް) މޮރިޝަސް އަށް ލިބުމާއެކު ކަނޑުގެ އިން ވަކި ކުރުމަށް ފަޅުރަށްތަކުން ފެށުމުން ރާއްޖެއަށް 65 ނޯޓިކަލް މޭލު ގެއްލި ދާން ދޫކޮށްލުމެވެ. އެ މިން އެޅުމުގެ ކުރިން ފަޅުރައްތަކަކުން ފަށައިގެން މިން ނޭޅޭނެ ކަމަށާއި، ދިވެހިން އެންޖޯއީ ކުރަމުން އައި 200 މޭލު ދިވެހިންނަށް ލިބެން ޖެހޭނެ ކަމަށް ވަކާލާތު ނުކުރުމެވެ. ހުއްޖަތެއް ގަރީނާއެއް ނުދެއްކުމެވެ.

އެކަމުގައި މިހާރުގެ ސަރުކާރުގެ ސްޓޭންޑަކީ 96 ގެ "ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނޫ" ގެ 7 ވަނަ މާއްދާގައި ބުނާ، ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައެޅުމުގައި އެހެން ގައުމެއްގެ ހާއްސަ އިގްތިސޯދީ ސަރަހައްދާ ފުށޫ އަރާނަމަ އެގައުމަކާއި ދިވެހިރާއްޖެއާ އެއްބަސްވެ ސޮއިކުރާ އެގްރީމަންޓަކުން ބައިކުރެވިދާނެ ކަމަށް ބުނާ ބުނުން ކަމަށް ވެދާނެއެވެ. ނަމަވެސް ޗަ ގޯސް ވާ ކަމަކީ، ވަކާލާތު ކޮށް ކޯޓުގައި ބަލި ވި ނަމަވެސް އެކަމަށް ވަކާލާތު ކޮށްފައި ނުވާތީއެވެ. ގިނަ ދިވެހިން ގަބޫލު ކުރާ ގޮތުން، އެކަން ކޮށް ބަލިވި ނަމަވެސް ކަން ކުރިކަން ފެންނަން އޮންނާނެއެވެ. ދެވަނަ ކަމަކަށް ވީ، އެ މައްސަލައިގައި ވަކި ގޮތެއް ނިންމިކަން ހާމަ ކޮށް ރައީސްގެ ސިޓީފުޅެއް އެ ދަނޑިވަޅުގައި ފޮނުވުމެވެ. އެ މައްސަލައިގައި ވަކާލާތެއް ނުކޮށް ދޫކޮށްލައިގެން ތިބުމުން އެ ސިޓީފުޅު ނުފޮނުވި ނަމަވެސް ނިމޭނެ ގޮތް އެންމެނަށް ސާފުވެއެވެ.

ފިކުރެއްގެ ދިރުމުން ގާސިމް އިބްރާހިމް އާ ބައްދަލު ކުރަނީ ---

އަޒުލް ކުރެވޭނެތަ؟

ވެރިން އަޒުލް ކުރާ ވާހަކަ އަކީ އަރަމުން އަންނަ ޒުވާން ޖީލަށް މާ ބޮޑަށް އެނގޭ ވާހަކައެއް ނޫނެވެ. އާންމު ކަމަކަށް ނުވާ ކަންކަމުގެ ވާނުވާ ގިނަ ފަހަރަށް އޮންނަނީ ނޭނގުމެއްގެ ތެރޭގައެވެ. ނަމަވެސް ރާއްޖޭގެ ތާރީހުގައި ވެރިން އަޒުކުރުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އެންމެ ފަހުން އެފަދަ ކަމެއް ހިނގަން އުޅުނީ، ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އަޒުލް ކުރުމަށް އުފެނުނު އޮއިވަރެވެ. އޭރެ ރައީސް ޔާމީނާ ދެކޮޅު އޮއިވަރުގައި އިދިކޮޅު ލީޑަރުން ސްޕްރީމް ކޯޓަށް ދިޔައެވެ. އެމީހުން ކޯޓަށް ދިޔައީ، ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ހ.ގެ (1) ގައި ބުނެފައިވާ ފަދައިން، ރައީސް ޔާމީން ގާނޫނުއަސާސީ އާއި ގާނޫނާ ކަނޑައެޅިގެން ހިލާފުވެއްޖެ ކަމަށް ކަނޑައަޅައި ދިނުމަށާއި އެ މާއްދާގެ (2) ގައި ބުނެފައިވާ ފަދައިން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް، ރައީސް ޔާމީން ކުރައްވައިފި ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގު ކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި ގާނޫނުއަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ރައީސް ޔާމީން ޖަވާބުދާރީ ކުރުވުމަށް ވެސް، އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިފައިވެ އޮތެވެ.

ނަމަވެސް ގާނޫނު އަސާސީގެ 100 ވަނަ މާއްދާގައި ބުނާގޮތާ ހިލާފަށް ސްޕްރީމްކޯޓަށް އެބާރު ލިބިގެން ނުވާ ހިނދުވެސް އެކަން އެގޮތަށް ކުރަން އުޅުނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ރައީސް ނުވަތަ ނައިބު ވަކިކުރަން ހުށަހަޅަން ޖެހެނީ މަޖިލީހަކަށެވެ. އެކަން ކުރަން ސަބަބު ބަޔާން ކޮށް ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅަން ޖެހޭ އިރު ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިންބައިކުޅަ އެއްބައި މެންބަރުން އެ ލިޔުމުގައި (ގަރާރުގައި) ސޮއިކުރަންވެން ޖެހޭނެއެވެ. މިހާރު އޮތް 87 މެންބަރުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކަމަށް ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް އިދިކޮޅާއި ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމާއި އެމްއެންޕީ އާއި ގާސިމް އެއްކޮށްލުމުން 30 ސޮއި ހަމަވެދާނެ ކަމަށް އެބަފެނެއެވެ. އެހެން ކަމުން އިތުބާރު ނެތްކަމަށް ހުށަހެޅިދާނެއެވެ. ނަމަވެސް އެ ގަރާރު މަޖިލީހުން ފާސްވުމަށް ބޭނުންވާ އަދަދު މިވަގުތަށް ފެންނަން އޮތް ގޮތުން ހަމަވުމަކީ މުސްތަހީލު ކަމެކެވެ. ގާނޫނު އަސާސީގެ 100 ވަނަ މާއްދާގެ (ބ) ގައި ބުނާ އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު 43.5 ވޯޓު ލިބޭނެ ކަމަކަށް ނުފެނެއެވެ.

ދެން އުފައްދަންވީ ސުވާލަކީ، ފޮޓޯއިން ބުނެދޭ ވާހަކަ އަކީ މުޅި ރައްޔިތުންގެ ވިސްނުންތޯއެވެ. އެހެން ކަމަށް ވާނަމަ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބުނަސް ރައްޔިތުންގެ ކޯޓުގައި ރައީސްގެ އިތުބާރު ނެތް ކަމަށް ބެލިދާނެއެވެ. ނަމަވެސް އެއީ ވަކި ބަޔަކު "މުހުތާދެއް ފުއްދުމަށް" ނެރޭ ވަކި ފިކުރެއްގެ މަންޒަރެއް ކަމަށް ވާނަމަ ރައްޔިތުންގެ ނިންމުން އެނގޭނީ އަންނަ ރިޔާސީ އިންތިހާބުގައި ނަގާ ވޯޓުންނެވެ.