ށ. ފޭދޫ ގައި ގާއިމުކުރާ ފެރީ ސްޓޮޕް މަސައްކަތުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ނިމިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި ފެރީ ސްޓޮޕްގައި ކިއޮސްކް އަކާއި، ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހާނާއެއް ހުންނާނެއެވެ.

އެމްޓީސީސީން ބުނީ މި ފެރީ ސްޓޮޕްއަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1 ގެ ދަށުން ގާއިމުކުރެވޭ ފެރީ ސްޓޮޕެއް ކަމަށެވެ.

މިއީ ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓިއެލް) ފެރީގެ ހިދުމަތް ދޭއިރު ހުރިހާ ރަށެއްގައި އެޅުމަށް ނިންމާފައިވާފައިވާ ހަޓުތަކެކެވެ. އެމްޓީސީސީން ބުނީ އެކި ރަށްރަށުގައި އަޅަނީ އެކި ފެންވަރުގެ އަދި ތަފާތު ސައިޒުތަކުގެ ހަޓުތަކެއް ކަމަށެވެ.

މީގެ ކުރިން އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމް ވިދާޅުވީ 5 ރަށެއްގައި "ފެރީ ސްޓޮޕް" ހެދުމަށް ބޭނުންވާ ސްޓަރަކްޗާ ކުޅުދުއްފުށީގައި ތައްޔާރުކުރުން ކުރިއަށްދާ ކަމަށެވެ.

އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވާކަކުން ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ގުޅާލުމަށް މި ސަރުކާރުން ފަށާފައިވާ ބިޔަ މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު އާދަމް އާޒިމް ވިދާޅުވީ 2023 ގެ ނިޔަލަށް ކޮންމެ ރަށެއްގައި ފެރީ ޓާމިނަލެއް ހުންނާނެ ކަމަށެވެ.