ހުޅުމާލެ ފޭސް 2 ގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ދާދި ދެންމެ ބުނީ، މި އެކްސިޑެންޓްގައި މަރުވެފައި ވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ މަރުވީ އެކްސިޑެންޓް ވުމާއެކު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް 2 ގެ އެމްޕީއެމް ފްލެޓް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހިގެންނެވެ. މައުލޫމަތު ލިބޭ ގޮތުން ސައިކަލުގައި އޭރު އިނީ މަރުވި (59ރ) ގެ މީހާއެވެ. އަދި ޕިކަޕް ދުއްވަން އިނީ ބިދޭސީއެއް ކަމަށްވެސް މައުލޫމަތު ލިބެއެވެ. ނަމަވެސް މި މައުލޫމާތު "ދަ ޕްރެސް" އަށް އަދި ޔަގީން ކުރެވިފައެއް ނުވެއެވެ.

މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް ހިނގި އެ އެކްސިޑެންޓް، ހިނގަން މެދުވި ސަބަބު ދެނެގަތުމަށް ފުލުހުން ތަހުގީގު ފަށާފައި ވާ އިރު މިއީ ފޭސް 2 ގައި މިގޮތަށް އެކްސިޑެންޓެއް ވެގެން މީހަކު ަމރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެެވެ.