ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމްޑީޕީ 'ފުނޑާލުމަށް' އިދިކޮޅު ޕީޕީއެމްގެ އެއްބާރުލުން ހޯދަމުން ގެންދަވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އާއި ފިކުރެއްގެ ދިރުމަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޝަރީފް ވަނީ ނަޝީދަށް ގިނަ ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ޝަރީފް ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ބައިވެރިން ތިބީ އެމްޑީޕީ ފުނޑާލަން ނިކުމެ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް އެހެން ޕާޓީއަކަށް ވެރިކަން ހޯދައި ދިނުމަށް ނިކުމެ، އެމްޑީޕީއަށް މޮޅުގޮތް ހޯދައިދިނުމަށް ކަމަށް ބުނެ އެމީހުން އެމްޑީޕީއަށް އޮޅުވާލަައި ކަމަށެވެ. އަދި އެމްޑީޕީއަށް މޮޅެއް ހޯދައި ދޭން އުޅޭ ބަޔަކު އެހެން ޕާޓީއަކަށް ވެރިކަން ހޯދައި ދޭން ކެމްޕެއިން ނުކުރާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ރައީސް ނަޝީދު އާއި ފުކުރެއްގެ ދިރުމުގެ ބައިވެރިން ނިކުމެ ތިބީ ކޮންމެ ގޮތެއް ހަދާފައިވެސް އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމުގެ ބޭނުމުގައި ކަމަށެވެ. ފިކުރެއްގެ ދިރުން އަށް ތާއިދުކުރާ ފަރާތްތަކުން ދައްކަމުން ދަނީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށެވެ. "ވެދާނެ އެބޭފުޅުންނަށް މާ މޮޅުތަކެއް ލިބެނީ ކަމަށް. އެހެންނަމަވެސް ލިބޭ އެއްޗެއް ލިބޭނީ ފިކުރެއްގެ ދިރުމަށް، އެމްޑީޕީ އަކަށް ނޫން" ޝަރީފްގެ ޓުވީޓްގައި ވިދާޅުވިއެވެ.

އެމްޑީޕީއަށް ގެއްލުންދިނުމަށް މަސައްކަތް ކުރަމުން ދާކަމުގެ ތުހުމަތު ކުރައްވަމުން ޝަރީފް ވިދާޅުވީ ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ ޖޭޕީ އާއި ގުޅިގެން އެކަނި ނޫން ކަމަށާއި އެކަމަށް ޕީޕީއެމްގެ އެއްބާރުލުން ވެސް ފުރިހަމައަށް ހޯއްދަވަމުން ގެންދަވާ ކަމަށެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވާއިރު ފިކުރެއްގެ ދިރުން ފެކްޝަން އިން ވަނީ ރިޔާސީ އިންތިހާބުގައި ޖޭޕީއަށް ތާއިދުކުރުމަށް ނިންމާފައެވެ.