ޓީވީ ޑްރާމާ އަދި ބޮލީވުޑްގެ ފިލްމުތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ކުޅަދާނަ ތަރި ހީނާ ހާން އޭނާގެ ފުރަތަމަ އުމްރާގެ އަޅުކަން ފުރިހަމަ ކޮށްފިއެވެ.
ހީނާ އުމްރާގެ އަޅުކަން އަދާކުރުމަށް ފަހު އިންސްޓަގްރާމުގައި ހިއްސާކުރި ޕޯސްޓުގައި ބުނީ މަތިވެރިވެގެންވާ މި އަޅުކަން އަދާކުރުމުގެ ތައުފީގު ދެއްވި ކަމަށްޓަކައި ﷲގެ ހަޟްރަތުގައި ޝުކުރު ދަންނަވާ ކަމަށެވެ. އަދި އުމްރާގެ އަޅުކަން ފުރިހަމަވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށާއި މި ތަޖުރިބާ އަކީ ދުވަހަކުވެސް ހަނދާނުން ފޮހެނުލެވޭނެ ފޮނި ތަޖުރިބާއެއް ކަމަށެވެ.
އުމުރާގެ އަޅުކަމުގައި އުޅެމުން ނަގާފައިވާ ފޮޓޯތަކެއް ވެސް ހީނާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ. ހީނާ ބުނީ އުމްރާގެ އަޅުކަން އަދާ ކުރުމަކީ އޭނާ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި މިއަދު އެކަން ފުރިހަމަވެއްޖެ ކަމަށެވެ. އަދި އި ބިން ދޫކޮށްފައި އެނބުރި ދާން ބޭނުންނުވާކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އުމްރާގެ އަޅުކަން ނިންމުމަށް ފަހު ހީނާ ވަނީ މަދީނާ އަށް ދިޔުމުގެ ދަތުރު ފަށާފައެވެ.
ސްޓާޕްލަސް އިން ދެއްކި ޑްރާމާ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގެ އަކްޝަރާގެ ރޯލުން އާންމުންގެ ލޯތްބާއި މަގްބޫލުކަން ހޯދާފައިވާ ހީނާ އަކީ ރާއްޖެއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ހުންނަ ފަންނާނެކެވެ. އޭނާ ވަނީ މިއަހަރުވެސް ރާއްޖެ އައިސްފައެވެ. އޭނާގެ އެންމެ ފަހުގެ މަސައްކަތަކީ ވެބް ސީރީޒް ޝަޑްޔަންތުރަ" އެވެ.