ހިޔާ ސަރަހައްދުން ޖުމްލަ 136 ވަޒީފާގެ ފުރުސަތާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އޯޕަންޑޭ އަންނަ ހުކުރު ދުވަހު ބާއްވަން އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިފަހަރު އެޗްޑީސީއިން ހުޅުވާލާ ފުރުސަތުތަކުގައި 88 ސެކިއުރިޓީ އެސިސްޓަންޓުންނާއި 48 ސަޕޯޓް ސްޓާފް ނެގުމަށް ހަމަޖެހިފައި ވާއިރު، މި ދެ މަގާމަށް ވެސް މުސާރާއިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 10،500 ރުފިޔާއެވެ.

އެޗްޑީސީއިން ބުނީ އަންނަ ހުކުރު ދުވަހު ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ސެކިއުރިޓީ އެސިސްޓެންޓުން އަދި ސަޕޯޓް ސްޓާފުންގެ މަގާމުތަކުގެ ވޯކް އިން އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި އިންޓަވިއުތައް ކުރިއަށް ދާނީ ފޭސް 2 ކާމިލް ދީދީ ސްކޫލުގައި ކަމަށެވެ.

އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުސަތައް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ މީހަކުވެސް އައިޑީ ކާޑްގެ ކޮޕީ، ތައުލީމީ ސެޓްފިކެޓްތަކުގެ އިތުރުން ސީވީ ހިފައިގެން ދިއުމުން އެ ފުރުސަތު ލިބިގެންދާނެއެވެ.

އެޗްޑީސީއިން ކުރިއަށް ގެންދާ އޯޕަން ޑޭއަކީ ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީ އިތުރަށް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަކަށް ވާއިރު އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތް ފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރުން ކަމަށާއި އެ މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ބައިވެރިވުމާއި ހިޔާލު ހިމެނުމެވެ.