ކުރިން އެމްޑީޕީގެ މައްސަލައަކީ އެ ޕަޓީގައި އުޅޭ 'މީހާ' އާއި ދީނީގޮތުން ހިޔާލު ތަފާތުވުން ކަމަށާއި މިހާރު އެކަން ހައްލުކުރެއްވިފައި ވާކަމަށް އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭ އިން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ސޯލިހްއަށް ތާއިދުކުރުމަށް ނިންމާފައެވެ. އެމްޑީއޭގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ސިޔާމް ވިދާޅުވީ ފާއިތުވި 17 އަހަރު އެމްޑީއޭ އޮތީ އެމްޑީޕީ އާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ކަަމަށެވެ. ރައީސް ނަޝީދު އަށް ނުސީދާ ބަހުން ފާޑުވިދާޅުވަމުން ސިޔާމް ވިދާޅުވީ އޭރު އެމްޑީޕީ ކަމުނުދިޔައީ އެޕާޓީގައި އުޅޭ 'މީހާ' ގެ ސަބަބުން ކަމަށެވެ. އަދި އޭރު އެންމެ ބޮޑު މައްސަލައަކަށްވީ އެމްޑީޕީގައި އުޅޭ 'އެމީހާ' ދީނީ ގޮތުން ދައްކަމުން ދިޔަ ވާހަކަތައް ކަމަށް ސިޔާމް ވިދާޅުވިއެވެ.

އިތުރަށް ސިޔާމް ވިދާޅުވީ މިހާރު އެމްޑީޕީގެ މޫނުމަތި މުޅިން ބަދަލުވެފައި ވާކަމަށެވެ. އަދި މިހާރު އެ ޕާޓީގައި ހުންނެވީ ދީނަށް ފުރައްސާރަ ނުކުރައްވައި ބޭފުޅެއްކަމަށް ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ސިޔާމް ވިދާޅުވީ ރައީސް ސޯލިހްގެ އިސްލާމީ ސިޔާސަތުތަކާ ގުޅޭ ގޮތުން އެ މަނިކުފާނަ ސުވާލުކުރެއްވި ކަމަށެވެ. މިގޮތުން ރާއްޖޭގައި ދީނީ އިލްމުވެރިން ބޭނުންވާ ގޮތަށް މިނިވަންކަން ދީފައިވާ ކަމަށާއި މިހާރުވެސް ސަރުކާރުން ކަންކަން ނިންމަނީ އިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހުކަގައި ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި ވާކަމަށެވެ.

ރައީސް ސޯލިހް އަކީ ދީނީކަންކަމަށް ލޯބިކުރައްވާ ބޭފުޅެއްކަން ހާމަކުރައްވަމުން ސިޔާމް ވިދާޅުވީ އެ މަނިކުފާނަކީ ނަމާދު ކުރައްވައި ރޯދަ ހިއްޕަވާ ބޭފުޅެއް ކަމަށެވެ. އިތުރަށް ސިޔާމް ވިދާޅުވީ ރައީސް ސޯލިހް އަކީ ބަހުގެ އިތުބާރު ހިފަހައްޓަވާ ބޭފުޅެއް ވެސް މެއެވެ.