އެންމެ ފުރަތަމަ ވެސް ހިތަށް އެރީ ތަމަޅަ ފިލްމު "96" އަށްވުރެ "ބީވީމާ" ރީތި ވެދާނެ ބާވައެވެ. މުޖުތަަމައާ ގުޅޭނެ ފިލްމަކަށް ބީވީމާ ވެދާނެ ބާވައެވެ. ހިތުގައި އުފެދިފައި ހުރި ސުވާލުތަކަށް ފުރިހަމަ ޖަވާބެއް ލިބިގެން ދިޔައީ ބީވީމާ އޮލިމްޕަހުގައި އެޅުވުމުންނެވެ. އާނއެކެވެ! ތަމަޅަ ފިލްމު "96" އަށް ވުރެ ބީވީމާ މާ ސަޅިކަން ގަބޫލު ކޮށްފީމެވެ.

ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މުނިފޫހިފިލުވުމުގެ ދާއިރާ އަށް އާ ދިރުމެއް ލިބިގެންދިޔައީ އޮލިމްޕަސް ހުޅުވި، ޑާކްރެއިން އެންޓަޓެއިންމަންޓުގެ ފިލްމު "ބީވީމާ" ސްކްރީނުގައި އަޅުވަން ފެށި ހިސާބުންނެވެ. ސިނަމާގައި ދިވެހި ފިލްމު ބަލަން ކެތްމަދުވެފައި ތިބި ދިވެހިން އަވަސްވެގަތީ މި ފިލްމު ބަލަން ވަންނަން ޓިކެޓް ނެގުމަށެވެ. މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް ފިލްމުގެ ޓިކެޓް އެއްކޮށް ވިކި ހުސްވެފައި ވާއިރު މި ފިލްމަކީ ކޮންމެހެންވެސް ބަލައިލަން ވަންނަ ވަރުގެ ރީތި ފިލްމެކެވެ.

"ބީވީމާ" އަކީ ޑާކްރެއިން އެންޓަޓެއިންމަންޓަށް އެކި ގޮތްގޮތުން އެކި ގޮންޖެހުންތަކެއް ގެނުވި ފިލްމެކެވެ. ކޮވިޑްގެ ދުވަސްވަރު ފިލްމުގެ މަސައްކަތް ފެށިއިރު ފިލްމުގެ ޝޫޓިންތައް ނަގަމުން ދިޔައީ އެޗްޕީއޭ އިން އޭރު ނެރުނު ގައިޑްލައިންތަކާ އެއްގޮތަށެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ. މުހައްމަދު ވިޝާން (ކަނޑި) ކެމެރާ ކުރާ މި ފިލްމަކީ އަހްމަދު ޒަރީރުގެ ފިލްމެކެވެ.

  • ތަރިން

މަރިޔަމް އަޝްފާ (ރާނިޔާ)، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ/ އަޔާޒް)، އާޝާ (ކުޑަ ރާނިޔާ)، އާދަމް ޒިދާން (ނާނަ/ ކުޑަ އަޔާޒް)، އައިޝަތު ޔާދާ، ސިލްނާ، ޢައިޝަތު އަލީ، ހުނޭޝާ އާދަމް ނަސީރު އަދި އަލީ ޝަޒްލީމްއެވެ.

  • މައިގަނޑު ވާހަކަ (ސްޕޮއިލާ ނުލާ)

ބީވީމާ މި ފިލްމަކީ ރީތި ލޯބީގެ ވާހަކައަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެކެވެ. މި ފިލްމަކީ 90ގެ އަހަރުތަކުގެ މީހުންނަށް އެންމެ ކަމުދާނެހެން އެމީހުންގެ ސްކޫލު ދައުރުގެ ދުވަސްތައް އަލުން ހަނދާނަށް އައިސް، ސްކޫލުގައި ލޯބިވެރިން ގެންގުޅެ މުއާސަލާތީ ހިދުމަތް ދަށް ޒަމާނުގައި ހިނގި ލޯބީގެ ހާދިސާ އަކަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމެކެވެ.

ފިލްމުގައި ފެށިގެންދަނީ އަޔާޒް (ކޮޕީ އިއްސެ) ދިރާސާ އެއް ކުރުމަށް ވ. ކެޔޮދޫ އަށް ދާ ހިސާބުންނެވެ. އެ ރަށަކީ އަޔާޒް ކުޑައިރު ތައުލީމް ހާސިލްކުރަން ދިޔަ ރަށްވެސްމެއެވެ. ހަނދާނުން ފޮހެލަން ދަތި އުފާވެރި ދުވަސްތަކެއް ހޭދަކޮށްފައިވާ ރަށަށް އެނބުރި ގޮސް އެރަށު ސްކޫލަށް އޭނާ ވަދެއެވެ. އެހިސާބުން އަޔާޒަށް އޭނާގެ މާޒީ ހަނދާންވެއެވެ. އަލަތު ލޯބި ލިބި އަތުން ބީވެދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ. ފިލްމުގެ މިހިސާބުން ކިޔާދެނީ އަޔާޒު އާއި ރާނިޔާގެ ކުޑައިރުގެ ގުޅުމުގެ ވާހަކައެވެ. ދެމީހުންގެ ވެސް އަލަތު ލޯބީގެ ވާހަކައެވެ.

ދެ ދަންފަޅިއަކަށް ސްކޫލުގެ ކިޔެވުން އޮތުމާއެކު އިއްތިފާގުން ރާނިޔާ އާއި އަޔާޒް އިންނަން ޖެހުނީ އެއް ކުލާހެއްގައެވެ. މެންދުރު ފަހުގެ ދަންފަޅީގެ ކިޔެވުން ނިންމާލާފައި ރާނިޔާ ގެއަށް ދަނީ ދަބަސް ބަރުނުކުރަން ވެގެން ފޮތްތައް ޑެސްކުގައި ބެހެއްޓުމަށްފަހުއެވެ. ހެނދުނު ދަންފަޅީގައި އޭނާގެ މޭޒުގައި އިންނާނެ ކުއްޖަކާ މެދު ވިސްނުމަށްފަހު ރާނިޔާ ނޯޓެއް ލިޔުނެވެ.

އަޔާޒު އާއި ރާނިޔާ ފުރާވަރު އުމުރުގައި---

ހެނދުނު ދަންފަޅިއަށް އަޔާޒު ކުލާހަށް ވަދެ ހަމަޖެހިލިތަނާ އޭނާގެ ލޮލުގައި ކަރުދާސް ގަނޑެއް އަޅައިގަތެވެ. ރާނިޔާގެ ނޯޓެވެ. ލޯބީގެ ނޯޓަކަށް ނުވި ނަމަވެސް އަޔާޒަށް އެ ނޯޓު ވަރަށް ހާއްސަވެގެން ދިޔައެވެ. ނޯޓަށް ޖަވާބު ދޭނެ ގޮތެއް ނޭނގި، އަޔާޒުގެ ރަހުމަތްތެރިން ގާތު ހިޔާލު ހޯދައިގެން ނޯޓެއް ލިޔެ ޑެސްކުގައި ނޯޓު ބޭންދީ ނޯޓަށް ޖަވާބެއް އަންނާނެ ކަމުގެ އުންމީދުގައެއް ނޫނެވެ. ކިޔެވުމުގެ ފެންވަރު ދަށްވެގެން ރިޕީޓްކޮށް ކޮށް ކިޔެވުން މަތިން މުޅިން ފޫހިވެ ސްކޫލަށް ދާ ހިތްނުވެފައި ހުރި އަޔާޒު ސްކޫލަށް ދާ ހިތްވި ސަބަބަކީ ރާނިޔާ އެވެ. ރާނިޔާގެ ހިނިތުންވުމުގެ ސަބަބުންނެވެ. ސާދާ ކަމުންނެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރު ދެމީހުންގެ ނޯޓުތައް ދިޔައީ ބަދަލުކުރެވެމުންނެވެ. ލަދުރަކި މަޑުމައިތިރި އަޔާޒަށް ރާނިޔާ ވަރަށް ކަމުގޮއްސިއެވެ. ރާނިޔާ ފެންނަ ކޮންމެ ފަހަރަކު ހިތަށް ކޮންމެވެސް ކަހަލަ ރާޅުބާނީ އެއް އަރައެވެ.

ޓާމު ޓެސްޓު ނިމި އަޔާޒު ރަށަށް ދިޔައެވެ. އެނބުރި ޓާމު ފެށުނު އިރު ވެސް އަޔާޒެއް އެނބުރި ސްކޫލަށް ނާދެއެވެ. އެކި މީސްމީހުން ގާތު އަހައިގެން ރާނިޔާ އަށް އެނގުނީ އަޔާޒުގެ ދިރިއުޅުން ލަންކާ އަށް ބަދަލުކުރި ކަމެވެ. ރާނިޔާގެ ހިތް މުޅިން މާޔޫސްވިއެވެ. މުވާސަލާތީ ހިދުމަތް ދަށް ދުވަސްވަރެއްގައި އެކަކު އަނެކަކާ ވާހަކަ ދައްކާނެ ހަމަ އެއްގޮތެއްވެސް ނެތެވެ.

ސްކޫލު ދައުރުގައި އުޅުނު ރަހުމަތްތެރިންވެގެން ކުލާސް ރީޔޫނިއަން އެއް ބާއްވައެވެ. އެ ރީޔޫނިއަން އިން އަޔާޒު އާއި ރާނިޔާ ދިމާވެއެވެ. 20 އަހަރު ފަހުންނެވެ. ދިމާވި އިރު ރާނިޔާ އަކީ މީހެއްގެ އަނތްބެކެވެ. ލޯބި ލޯބި އަންހެން ކުއްޖެއްގެ މަންމައެކެވެ. ރާނިޔާ އާއި ހިލާފަށް އަޔާޒު ހުރީ އަދިވެސް ރާނިޔާގެ ލޯބީގައި ޖެހި ކުރިއަށް ދާންވީ މިސްރާބު ނޭނގިފައެވެ. އަލަތު ލޯބި އަތުން ބީވެގެން ދިޔުމުން އޭނާ އަށް ދިރިއުޅުމައިގެން ކުރިއަށް ދާން ނޭނގުނެވެ.

އަވަސް މަންޒަރުތަކެއް ފެނިގެންދިޔަ އެ ފިލްމުގެ ޓްވިސްޓް އައީ އެންމެ ހީނުކުރި ގޮތަށެވެ. ބަލަން އެންމެ ޝައުގުވެރިވި ހިސާބުން ހިޔާލަށްވެސް ގެންނަން ނޭނގޭފަދަ މޮޅު ޓްވިސްޓެކެވެ. އަދި އެ ޓްވިސްޓުވެގެންދިޔައީ އެންމެންނަށް ކަމުދާ މޮޅު ޓްވިސްޓަށެވެ. ފިލްމު ނިމިގެން ދަނީ ބެލުންތެރިން ހައިރާންކޮށްލާފައެވެ. ތަފާތު ގޮތަކަށް ނިންމުން ގެނެސްފައިވާ އެ ފިލްމު ބަލާލަން ސިނަމާއަށް ވަދެ ތިބި އެންމެނަށް ވެސް ތިބީ ޝައުގުވެރިކަމާއެކު ފިލްމުގެ ތެރެއަށް ރަނގަޅަށް ވެސް ވަދެވިފައެވެ. ފިލްމުގެ ވަކި ހިސާބަކަށް ދިޔަ އިރު މަޖާނަގަން ތިބި މީހުންވެސް ތިބީ ފިލްމުގެ ވަކި ހިސާބަކަށް ދިޔައިރު އަނގަތަށް ލެއްޕިފައެވެ.

ފިލްމުގެ މަންޒަރެއްގައި އާޝާ---
  • އަޔާޒްގެ ރޯލުން ފެނުނު ޒިދާން އަށާއި ކޮޕީ އިއްސެ އަށް ތައުރީފް ހައްގު!

ދިވެހިން މިވާހަކަ އަކަށް ދެބަހެއް ނުވާނެ ކަން ގައިމެވެ. ކޮޕީ އިއްސެ އަކީ ދިވެހި ފިލްމީ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ފަންނާނެވެ. ތަފާތު ރޯލަކުން ކޮޕީ އިއްސެ ފެނިގެން ދިޔައިރު ފިލްމުގައި އޭނާގެ ކެރެކްޓާ ވަނީ ވަރަށް ފުރިހަމައަށް ޑެލިވާކޮށްދީފައެވެ. އޭނާގެ އިހުސާސްތައް ފިލްމު ބަލަން ތިބި އެންމެންގެ ހިތަަށް ވަދެ އަސަރުކުރުވިއެވެ. އަޔާޒުގެ ކުޑައިރުގެ ރޯލުން ފެނިގެންދިޔަ ޒިދާންގެ އެކްޓިން އާއި މެދު ބުނާނެ އެއްޗެއް ނެތެވެ. ލަދުރަކި މަޑުމައިތިރި ބަސްމަދު ރޯލެއް އޭނާ ކުޅުނު ނަމަވެސް އެ ކެރެކްޓާ ވަނީ އެންމެ ފުރިހަމަ ގޮތުގައި ކުޅެލާފައެވެ. ގައިމުވެސް އަޔާޒުގެ ކެރެކްޓާ ޒިދާން އަށް ވުރެ ރަނގަޅަށް އެހެން އެކްޓަރަކަށް ކުޅެވިދާނެ ކަމާއި މެދު ޝައްކެވެ. އިހުސާސްތައް ގެންނަލެ ފުރިހަމަ ކަމުންނެވެ. ބަލަން އިންނަ މީހުންގެ ޖަޒުބާތު ތަކާއި ކުޅެލިލެ ފުރިހަމަކަމުންނެވެ.

  • ރާނިޔާގެ ރޯލުން ފެނިގެންދިޔަ އަޝްފާ އަށާއި އާޝާ އަށް ސަތޭކަ!

ރީތިކޮށް ލަވަކިޔުނަސް އެކްޓްކުރެވިދާނެއޭ އެންމެ ފުރަތަމަ ހިއެއް ނުކުރަމެވެ. އަޝްފާ ވަނީ އޭނާގެ ފުރަތަމަ ފިލްމުގެ ކެރެކްޓާ ވަރަށް މޮޅަށް ކުޅެފައެވެ. ފުރަތަމަ ފިލްމާ އަޅާ ބަލާއިރު އަޝްފާގެ އެކްޓިން މޮޅެވެ. އާ ފަންނާނެކޭ ބުނެވޭ ވަރުގެ އެއްވެސް ޖާގައެއް ނެތެވެ. އޭނާގެ އެ ހުނަރުގެ ސަބަބުން އެންމެން އޭނާގެ ޖާދޫގައި ވަނީ ޖައްސާލާފައެވެ. ރާނިޔާގެ ކުޑައިރުގެ ރޯލުން ފެނުނު އާޝާ އާއި މެދު ސުވާލެއް އުފައްދާނެ ޖާގައެއް ނެތެވެ. އެހެން ފިލްމުތަކުން ވެސް ފެނިގެން ގޮސްފައިވާ އާޝާ އަކީ ފިލްމު އިންޑަސްޓްރީގައި މިއަދު ހުރި ޒުވާން މޮޅު ބަތަލާ އެކޭ ބުނެވިދާނެ ޖާގަ މި ފިލްމުން އޭނާ ވަނީ ހާމަކޮށްދީފައެވެ.

ޖުމްލަކޮށް ފިލްމުން ފެނިގެންދިޔަ ހުރިހާ އެކްޓަރުންގެ އެކްޓިންވެސް ރަނގަޅެވެ. ހީހީ ގޮސް ބަނޑަށް ތަދުވާ މަންޒަރުތަކެއް ފެނިގެންދިޔަ މި ފިލްމުގައި ޖަޒުބާތީ އިހުސާސްތަކެއް ކުރުވާ ފަދަ ސީންތައް ވެސް ފެނިގެންދިޔައެވެ. ސްކޫލު ދައުރު މަތިން ހަނދާންވެ އަލަތު ލޯބިވެރިޔާގެ މަތިން ހަނދާން އާވި ހެން ހީވާ ފަަހަރުވެސް މި ފިލްމު ބެލި އިރު ހީވިއެވެ.

ފިލްމުގެ އެންމެ ކުދި ކުދި މަސައްކަތުން ފެށިގެން އެންމެ ބޮޑެތި މަސައްކަތަށްވެސް ވަރަށް ފުރިހަމައެވެ. މަސައްކަތުގެ ފެންވަރު ވަރަށް ރަނގަޅެވެ. ހާއްސަގޮތެއްގައި ފާހަގަ ކޮށްލެވެނީ ކެމެރާގެ މަސައްކަތް ރީތި ކަމެވެ. ރަންޒަމާން ގެނެސްދޭން މަސައްކަތްކޮށްފައި ހުރި މިންވަރު ފިލްމު ބެލި ކޮންމެ މީހަކަށް ވެސް އެނގިގެންދާނެއެވެ. ވިޝުއަލް އިފެކްޓްސް އަދި ސިނޮމޮޓޮގްރަފީ ވެސް ވަރަށް ހިތްގައިމެވެ. ބީވީމާ އަކީ އަދުގެ މުޖުތަމައު އާއި ގުޅޭނެހެން ގެނެސްދީފައިވާ ރީތި ފިލްމެކެވެ. މުޅި ޓީމުގެ މަސައްކަތަށް އައްސަރިބަހާ ސާބަހެވެ. "ބީވީމާ" އަކީ ހަމަ އަސްލުވެސް "ބްލޮކްބަސްޓާ" އެކެވެ. އެނގޭހެއްޔެވެ؟ ފިލްމު "96" އަކީ ވެސް އިނގިރޭސި ފިލްމު "ބްލޫ ޖޭ" އިން އިންސްޕަޔާ ވެގެން އުފެއްދި ތަމަޅަ ފިލްމެކެވެ. އެހެންކަމުން "96" އިން އިންސްޕަޔާވެގެން ދިވެހި ފިލްމު "ބީވީމާ" ނުހެދެންވީ އެއްވެސް ސަބަބަބެއް ނެތެވެ. "96" އަށް ވުރެ މި ފިލްމު މާ ރީތިކަން އެންމެންވެސް ގަބޫލުކޮށްފިއެވެ.