ހޮސްޕިޓަލެއްގައި މަސައްކަތް ކުރީ އަސްލު ޑޮކްޓަރެއް ނޫންކަން އަހަރެއްހާ ދުވަސް ފަހުން ފަޅާއަރައިފިއެވެ.
ތުރުކީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން ދިޔަ އައިޝާ އޮޒްކިރާޒް، އޭނާ މަސައްކަތް ކުރާ ހޮސްޕިޓަލުގައި އަހަރެއްހާ ދުވަސް ވާންދެން އުޅުނީ ވަގަށެވެ. ކުޑަކުދިންގެ ޑޮކްޓަރެކޭ ކިޔައިގެން އޭނާ ކުދިންނަށް ފަރުވާ ކުރަމުން އައިއިރު އޭނާ އަކީ ހައިސްކޫލް ގްރެޖުއޭޓެކެވެ. ރިޕޯޓް ތަކުން ބުނާގޮތުގައި ހޮސްޕިޓަލަށް މަކަރު ހަދައި އޮޅުވާލައި އޭނާ ހޮސްޕިޓަލުގައި މަސައްކަތް ކުރިނަމަވެސް އެތައް ފަހަރަކު އޭނާގެ ގާބިއްލިއްޔަތު ކަމާމެދު ޝައްކު އުފެދޭ އެތައް ކަމެއް ކުރިމަތިވިއެވެ. އެންމެ ފަހުން ކަންކަން ފަޅާ އަރަމުން އޭނާ އަކީ އަސްލު ޑޮކްޓަރެއް ވެސް ނޫންކަން އެނގުނު ކަމަށް ރިޕޯޓްތަކުން ބުނެއެވެ. އޭނާގެ ބޮޑު ސިއްރު ހޮސްޕިޓަލުގެ އެންމެންނަށް ހާމަވުމާއެކު ހޮސްޕިޓަލުގެ މެނޭޖުމަންޓުން ވަނީ ފުލުހުންނަށް ގުޅައި ގެނެސް އޭނާ ހަވާލު ކޮށްފައެވެ.
ފޭކް ޑޮކިއުމެންޓު ތަކެއް ތައްޔާރު ކޮށްގެން ހޮސްޕިޓަލުގެ ވަޒީފާ އާ އޭނާ ގުޅުނު އިރު އޭނާގެ އާއިލާ ގާތު ވެސް ބުނެފައި އޮތީ އޭނާ އަކީ ޑޮކްޓަރެއް ކަމަށެވެ. އަދި އާއިލާ އަށް އޭނާ ތައްޔާރުކުރި ހުރިހާ ފޭކް ޑޮކިއުމެންޓެއް ދައްކައިގެން އެމީހުންގެ ލޮލުގައި އަނދުން އެޅުވިއެވެ. ފުލުހުން އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރުމުން އެނގި ހާމަވީ އޭނާ ހޮސްޕިޓަލަށް ދިޔައީ ފޭކް ޑޮކިއުމެންޓް ތައް ތައްޔާރު ކޮށްގެން ކަމަށެވެ.
ފުލުހުންނަށް ދިން ބަޔާނުގައި އައިޝާ ބުނީ ކުޑައިރުވެސް މަންމަމެން ދުށް ހުވަފެނަކީ އޭނާ ޑޮކްޓަރަކަށް ވުން ކަމަށާއި އެމީހުން ބޭނުންވީ އޭނާ މެޑިކަލް ސްކޫލަކަށް ފޮނުވަން ކަމަށެވެ.
"ސްކޫލު ނިމުމުން އަހަރެން ޔުނިވާސިޓީ އެގްޒާމް ހެދިން. އެކަމަކު ފެއިލްވީ. ދެން ވިސްނުނީ ފޭކް ޑޮކިއުމެންޓު ތަކެއް ހަދަން،" އޭނާ ބުންޏެވެ.
އޭނާ ކުޑަކުދިންގެ ޑޮކަޓަރަކަށް ވެގެން އުޅުނު އިރު ބަލައި ބޭސް ދިނީ ކިތައް ކުދިންނަށް ކަމެއް ސާފެއް ނުވެއެވެ.