ދަރިފުޅު އުރާލައިގެން ހުއްޓާ ކިނބުލެއް އަރާ ދަރިފުޅު ޖަހައިގަނެގެން ގެންގޮސް ކާލައިފިއެވެ.

މެލޭޝިއާގައި މި ހާދިސާ ހިނގިއިރު ބައްޕަ ދަރިފުޅު އުރާލައިގެން ކޯރު ކައިރީގަި ހުއްޓާ ކޯރުތެރެއިން ކިނބޫ އަރާ ދަރިފުޅު ޖަހައިގަންނަ މަންޒަރު ފެންނަ ވީޑިއޯ އެއް ވެސް ވަނީ އާންމުވެފައެވެ. އަހަރު ވެފައިވާ މި ކުއްޖާ ޖަހައިގަނެގެން ކިނބޫ ދިޔުމާއެކު ކުއްޖާގެ ބައްޕަ މޮހެރަތު ވަނީ ވަގުތުން ކޯރަށް ފުންމާލާފައެވެ. އެއާއެކު ކިނބޫ ވަނީ މޮހެރަތު އަށް ހަމަލާދީ ޒަހަމް ކޮށްލާފައެވެ. ނަމަވެސް ޒަހަމްތަކާއެކުވެސް ދަރިފުޅު ސަލާމަތް ކުރެވޭތޯ އެންމެ ފަހު ވަގުތާ ދަންދެންވެސް މަސައްކަތްކުރި ނަމަވެސް ދަރިފުޅު ވަނީ ސަލާމަތްވާ ގޮތް ނުވެފައެވެ.

މޮހެރަތުގެ ކަރުގަޔާއި ފައިގެ އިތުރުން ބޮލަށް ވެސް ކިނބޫ ހަމަލާދިން އިރު އޭނާ ސަަލާމަތް ކުރަން ވެސް ބަޔަކު ވަނީ ކޯރަށް ފުންމާލާފައެވެ. 11 ފޫޓުގެ މި ކިނބޫ މޮހެރަތު އަށް އެކި ވަރުގެ އަނިޔާތަށް ދީފައި ވެއެވެ.

ކުއްޖާ ސަލާމަތް ކުރަން ފުންމާލި ބައްޕައަށް ކިނބޫ ހަމަލާ ދީފައި ވާއިރު ކުއްޖާ ކާލި ކިނބޫ (ވ) --- ވީޑިއޯ ސްކްރީންޝޮޓެއް

އެ ހާދިސާގައި އަނިޔާ ލިނުމު މޮހެރަތު ކޯރުން ނެގުމަށް ފަހު ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށިއެވެ. ފަޔާ އެންޑް ރެސްކިއު އެޖެންސީގެ އިސް ވެރިޔާ ސުމްސޯ ރާޝިދު ވިދާޅުވީ މޮހެރަތު އުރައިގެން ހުރި އޭނާގެ ދަރިފުޅު ކިނބޫ ޖަހައިގަނެގެން ދާ ވީޑިއޯ އާއި ކިނބޫ މޮހެރަތު އަށް ހަމަލާދޭ މަންޒަރު ފެންނަ ވީޑިއޯ އެމީހުންނަށް ލިބިފައިވާ ކަމަށެވެ.

މި ހާދިސާ އާއެކު ފަޔާ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ކޯރު ކައިރިއަށް ނުދިޔުމަށް އަންގާފައެވެ. ރާޝިދު ވިދާޅުވީ ކިނބޫ އަތުލެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ހާ ހިނދަކު އެ ހިސާބު އާންމުންނަށް އެއްކޮށް ބަންދުވާނެ ކަމަށެވެ.