ދ. މީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ.

އެމްޓީސީސީއިން ބުނީ އެގޮތުން ހާބާ ޕޭވްމެންޓް މަސައްކަތުގެ 77 ޕަސެންޓް ފުރިހަމަ ކޮށްފައި ވާއިރު ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 74 ޕަސެންޓް ވަނީ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާ، 373 މީޓަރުގެ ބޭރުތޮށި ލުމާ، 35 މީޓަރުގެ ރިވެޓްމެންޓް ޖެހުމާ، 294 މީޓަރުގެ އެއްގަމުތޮށި ލުމާ، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން 1470 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ ނެރުބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ މަޝްރޫގެ ދަށުން ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 34.07 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 408 ދުވަހުގެ ތެރޭގައެވެ.