ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާނަށް އިންޑިއާ އިން ލިބުނު ރަން މެޑަލް ވިއްކާލި ކަމަށް ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހަވާޖާ އާސިފް ވިދާޅުވެއްޖެއެވެ.
އިމްރާން ހާނަށް އިންޑިއާ އިން ރަން މެޑަލް ލިިބިވަޑައިގަތީ ކްރިކެޓުގައި އޭނާ ކޮށްދެއްވި މަސައްކަތް ތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ. ހަވާޖާ މިހެން ވިދާޅުވި ނަމަވެސް އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް ހާމަކުރައްވާފައެއް ނުވެއެވެ. މިދިޔަ ހޯމަ ދުވަހު ޓީވީ ޕްރޮގްރާމެއްގައި ހަވާޖާ ވިދާޅުވީ އިމްރާން އަށް އިންޑިއާ އިން ލިބިވަޑައިގެންނެވި ރަން މެޑަލް އޭނާ ވިއްކާލެއްވީ ކަމަށެވެ.
އިމްރާނަކީ ޕާކިސްތާނުގެ އިދިކޮޅު ޕާޓީގެ ލީޑަރުގެ އިތުރުން މިހާރު އަވަސް އިންތިބާބަކަށް ގޮވާލައްވާ ލީޑަރުވެސް މެއެވެ. އެ ކެމްޕެއިން ގައި މަގުމަތީގައި އުޅުއްވަނިކޮށް މި މަސް ތެރޭ ވަނީ އޭނާ އަވަހާރަކޮށްލަން ހަމަލާއެއް ވެސް ދީފައެވެ. އިމްރާންގެ ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ކެމްޕެއިން އެއްވުމެއް ނިންމާލުމަށް ފަހު އިމްރާން ކާރަކަށް އަރާވަޑައިގަންނަވަނިކޮށް ބަޑިން ހަމަލާ ދިން ކަމަށާއި އެ ހަމަލާ އަމާޒުވެފައި ވަނީ އިމްރާންގެ ފަޔަށް ކަމަށެވެ. އަދި ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދިން ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުން އިމްރާން ދުރުކޮށްފައި ވަނީ މިދިޔަ އޭޕްރީލް މަހު ނެގި އިތުބާރު ނެތްކަމުގެ ވޯޓެއްގައެވެ.