ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ދީޕިކާ ޕަޑުކޯން އާއި އެކްޓަރު ރިތިކް ރޯޝަން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު "ފައިޓާ" ރިލީޒްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

އަދިވެސް ޝޫޓިން ނުފަށައި އޮތް މި ފިލްމު އެންމެ ފުރަތަމަ ރިލީޒް ކުރަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ނަމަވެސް އެ ތާރީހު ފަހަނައަޅައި ދިޔުމާއެކު އެ ފިލްމު ވަނީ އަންނަ އަހަރަށް ފަސްކުރިކަން އިއުލާންކޮށްފައެވެ. ޝޫޓިން ނުފަށާ އޮތް މި ފިލްމުގެ ޕޯސްޓަރެއް އާންމުކުުރުމަށްފަހު މިވަނީ ފިލްމު ރިލީޒްކުރާ އާ ތާރީހު ވެސް އިއުލާންކޮށްފައެވެ. މިހާރު އޮތްގޮތުން ނަމަ މި ފިލްމު އާންމުންނާ ހަމައަށް އަންނަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 25 ވަނަ ދުވަހުއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު މުމްބާއީގައި ޝޫޓިން ފަށާ މި ފިލްމުގައި ދީޕިކާ އާއި ރިތިކްގެ އިތުރުން ލެޖެންޑަރީ ތަރި އަނިލް ކަޕޫރުވެސް ހަރަކާތްތެރިވާނެއެވެ. ސިދާތު އާނަންދު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމަކީ މާފްލިކްސް ޕިކްޗާސް އާއި ވަޔަކޮމް 18 ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

ރިތިކް ވަނީ ދެ ފަހަރެއްގެ މަތިން ސިދާތުއާއެކު މަސައްކަތްކޮށްފައެވެ. އެއީ ފިލްމު "ބޭންގް ބޭންގް"އާ "ވޯ"ގައެވެ. ދީޕިކާ ސިދާތު އާއެކު ކުރި ހަމައެކަނި މަސައްކަތަކީ "ބަޗްނާއޭ ހަސީނޯ"އެވެ. ބަތަލާ ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ އެކްޓަރު ސިދާންތު ޗަކުރަވޭދީ އާއެކު ފިލްމު "ގެހެރިޔާން" އިންނެވެ. ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ރިލީޒްކުރި "ވޯ" އިންނެވެ. އެކްޓަރު ޓައިގާ ޝްރޮފް އާއެކު ރިތިކް ފެނިގެންދިޔަ މި ފިލްމަކީ އެ އަހަރު އެންމެ ގިނަ ރެކޯޑުތައް މުގުރާލު އެއް ފިލްމެވެ.

ފައިޓާ އަކީ ދީޕިކާ އާއި ރިތިކް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމަށްވުމުން ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަނީ މިދެތަރިންގެ ކެމިސްޓްރީ ބަލައިލުމަށެވެ. ދެތަރިންވެސް ފިލްމުގައި ފެނިގެންދާނީ އެއާފޯސް ޕައިލެޓުންގެ ރޯލުންނެވެ.