ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ އެންތޮލޮޖީ ދައްކާ ދުވަސް އިއުލާންކޮށް ޓްރެއިލާ ރިލީޒްކޮށްފިއެވެ.

ސީޒަން އެކެއްގެ ޓްރެއިލާ އާންމުކޮށްފައިވާއިރު މި އެންތޮލޮޖީ ގެނެސްދޭނީ ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށެވެ. އަންނަ މަހުގެ 12 ވަނަ ދުވަހު ރިލީޒްކުރާ އެންތޮލޮޖީގެ ޓްރެއިލާ ރިލީޒްކޮށްފައިވާއިރު އެ ޓްރެއިލާ އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އެބަދެއެވެ.

މި ވާހަކަ ތަކަކީ "ނޮސްޓާލްޖިއާ"، "ފުރޭތަ"، "އައްސަލާމް އަލައިކުމް"، "ސަޕްރައިޒް"، "ރަންކޮޅާ" އަދި "ޕާޓީ" އެވެ. މި ވާހަކަތަކަކީ ބަދަލުހިފުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކަތަކެކެވެ. ޓްރެއިލާ އިން ވެސް ފެނިގެންދަނީ ބަދަލު ހިފުމުގެ ރޫހު ގައިގައި ހިފާފައި ތިބި މީހުންތަކެއް މީހުން މަރާލުމަށް ކުރާ މަސައްކަތްތަކެވެ. މި ހަ ވާހަކަ އަކީ އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެނެސްދޭ ވާހަކަތަކެކެވެ. ބައިސްކޯފުން އެންމެ ފަހުން ޑާކްރެއިންގެ މަސައްކަތަކަށް ދެއްކީ "ގިރިޓީ ލޯބި" އެވެ. އެ ސީރީޒަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ގިނަ ފިލްމުތަކެއް ގެނެސްދޭ ޑާކްރެއިނުން ވަނީ ކާމިޔާބު އެތައް ފިލްމުތަކެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އޭގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ގޮށްރާޅު"، "މާމުއި" އަދި "ވާށޭ މަށާ އެކީ" ހިމެނެއެވެ.

މިހާރުވެސް ޑާކްރެއިނުން ރިލީޒްނުކުރާ ތިން ފިލްމެއް އެބައޮތެވެ. އެއީ "ބަޅިނދު"، "ނޮވެމްބަރ" އަދި "ބީވީމާ" ހިމެނެއެވެ. އެގޮތުން އެންމެ ފުރަތަމަ ސިނަމާތަކަށް އަންނާނީ ފިލްމު "ބީވީމާ" އެވެ. މި ފިލްމު ރިލީޒްކުރެވޭނީ އޮލިމްޕަސް ހުޅުވާ ދުވަހަކުންނެވެ. ޑާކްރެއިނުގެ ޓީމު ތިބީ އޮލިމްޕަސް ހުޅުވާނެ ދުވަހަކަށް އިންތިޒާރުކޮށްކޮށެވެ.