އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޮޑުކަމު ދިޔަ މައްސަލައިގައި ހައްޔަރު ކުރި އިންޑީއާ މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ، އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް މީހަކު ބޮޑުކަމު ދިޔަ ކަމުގެ މައުލޫމާތު މި މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް ލިބިގެން އެ މައްސަލާގައި 40 އަހަރުގެ މީހަކު ހައްޔަރު ކުރި ކަމަށެވެ. އަދި އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކޮށްފައިވާ ކަމަށާއި އެމީހާގެ ބަންދަށް ދިނީ އެންމެ ދުވަހެއް ކަމަށް ފުލުހުން ބުނެއެވެ.

މިއަދު އެމީހާގެ ބަންދު ހަމަވުމުން ދޫކޮށްލީ ކަމަށް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް މިފަދަ ހާދިސާތައް ހިނގާފައި އެބަ ހުއްޓެވެ. އަދި އެފަދަ މައްސަލަތަކުގައި ކުށްވެރިވެގެން ހައްޔަރު ކުރާ މީހާ އަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހަކަށް ވުމުން އެމީހުން ބަންދުން ދޫކޮށްލަނީއެވެ. އަދި މިގޮތަށް ހިންގާ ކަންކަމާ މެދު އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އިސްލާމީ މަރުކަޒު ގޯތިތެރެއަށް މީހަކު ބޮޑު ކަމުދިޔަ މައްސަލައިގައި މާލެ ސިޓީގެ މޭޔަރު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މުއިއްޒު ވިދާޅުވީ، މިސްކިތުގެ ހުރުުމަތްކަނޑާ މީހުން ސިކުނޑި ހަމަ ނުޖެހޭ ކަމަށް ބުނެ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ފަދަ އަމަލުތައް ހިންގާ މީހުންނާ މެދު ފަސްނުޖެހި ހަރުކަށި ފިޔަވަޅު އަޅަން މުއިއްޒު ވަނީ ގޮވާލައްވާފައެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ހަތަރުވަނަ ދުވަހު ހަސަން ޒިޔާދު ކިޔާ ދިވެއްސަކު ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ އެތެރެއަށް އަދި ރައީސް އޮފީހުގެ ގޭޓު ކުރިމައްޗަށް ކުޑަކަމު ދިޔަ މައްސަލައެއް ފެންމަތި ވި އިރު އޭނާ ހައްޔަރު ކުރުމަށް ފަހު ސިކުނޑި ހަމަނުޖެހޭތީ ދީކޮށްލިއެވެ. އެހެންނަމަވެސް އޭނާގެ ސިކުނޑީގެ އުނިކަމެއް ނެތް ކަމަށް ޖެންޑާއިން ބުނެފައި އޮއްވާ އިބްރާހީމް މިސްކިތުގައި ބާއްވާފައި އޮތް ހަތިމަކަށް ކުޅު ޖެހި މައްސަލައިގައި އޭނާ ހައްޔަރު ކުރުމަށް ފަހު ވަނީ ހިފަހައްޓާފައެވެ.

މީގެ އިތުރުން މިދިޔަ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހު އައްޑޫސިޓީ ފޭދޫގެ މަސްޖިދުލް އަމާނީ އަށް ވެސް މީހަކު ވަނީ ބޮޑު ކަމު ގޮސްފައެވެ. ނަމަވެސް އެ މީހާ ހައްޔަރުކުރުމަށް ފަހު ބަންދުގައި ބަހައްޓައިފި ނަމަ ހާލު ގޯސްވެދާނެތީ ކަމަށް ބުނެ އެމީހާ ވެސް ދޫކޮށްލީއެވެ.