މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓް 32، އާ އަލްބަމެއް ނެރުމަށް ތައްޔާރުވަމުންދާ ކަމަށް ހާމަކޮށްފިއެވެ.

"މިޑްނައިޓް" ނަމުން ނަންދީފައިވާ މި އަލްބަމް ނެރޭނީ އަންނަ އޮކްޓޯބަރު މަހުގައެވެ. އެމްޓީވީ މިއުޒިކް ވީޑިއޯ އެވޯޑްސް ހަފުލާގެ ތެރޭގައި އެވޯޑާ ހަވާލުވާން ސްޓޭޖަށް އެރުމަށްފަހު ޓޭލާ ވަނީ އޭނާގެ ފޭނުންނަށް ސަޕްރައިޒެއް ދީ އާ އަލްބަމް ނެރެން އުޅޭކަން އިއުލާންކޮށްފައެވެ. އޭނާ އެންމެ ފަހުން ނެރެފައިވަނީ "ރެޑް" އެވެ. މި އަލްބަމަކީ އޭނާ ކުރިން ރިލީޒްކުރި އަލްބަމެކެވެ. ނަމަވެސް އެ އަލްބަމް ޓޭލާ ވަނީ އަލުން ރެކޯޑްކޮށް ނެރެފައެވެ.

އަންނަ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ޓޭލާ ގެ އާ އަލްބަމް ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނައިރު މި އަލްބަމް އޭނާ އިއުލާންކުރީ "އޯލް ޓޫ ވެލް"ގެ މިއުޒިކް ވީޑިއޯއަށް އެންމެ މޮޅު ޑައިރެކްޝަން އެވޯޑާ ހަވާލުވާން ސްޓޭޖަށް އަރައިފައެވެ.

"އަހަރެން އަހަރެންގެ މަސައްކަތާއި މެދު ވަރަށް ބޮޑަށް ފަހުރުވެރިވޭ. އަހަރެންނަށް އެނގޭ ފޭނުންގެ އެހީއާއި ތަރުހީބާއި ނުލާ އަހަރެން އަހަރެންނަކަށް ނުވާނެކަން،"

މި އަލްބަމުގައި ޖުމްލަ 13 ލަވަ ހިމެނޭއިރު ޓޭލާ ބުނީ މި 13 ލަވައަކީ ދަންވަރު ނިދަން ކުރި ސްޓްރަގަލްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ލަވަތަކެއް ކަމަށެވެ. އޭނާ ބުނީ މި ލަވަތަކުގެ ލިރިކްސް އޭނާ ހެދީ ދަންވަރުގަޑީ ގައި ކަމަށާއި އެ ވަގުތުކޮޅަކީ އޭނާއަށް ވަރަށް ހާއްސަ އުފާވެރި ވަގުތުކޮޅެއް ކަމަށެވެ. މިޑްނައިޓްގެ ނަމުން ނަންދީފައިވާ މި އަލްބަމް ވެގެންދާނީ ޓޭލާގެ 10 ވަނަ ސްޓޫޑިއޯ އަލްބަމަށެވެ.

އޭނާ ވަނީ 2020 ވަނަ އަހަރު ދެ އަލްބަމެއް އާންމުންނާ ހަމައަށް ގެނެސްދީފައެވެ. އެއީ ފޯކްލޯ އާއި އެވަމޯ އެވެ. އެ ދެ އަލްބަމަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ. ފޯކްލޯ އަލްބަމުގައި ޖުމްލަ 16 ލަަވަ ހިމެނިފައިވެއެވެ. މި އަލްބަމް ބޮޑު ހިޓަކަށްވެ އެމެރިކާއާއި އިނގިރޭސިވިލާތުގެ ޗާޓުތަކުގެ އެއްވަނަ ހޯދިއިރު، މި އަލްބަމަށް ވަނީ ގްރެމީ އެވޯޑް ހަފްލާގައި އަލްބަމް އޮފް ދަ އިޔާ ލިބިފައެވެ. އެވާމޯ ގައި ހިމެނެނީ ޖުމްލަ 17 ލަވައެވެ.