ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ ވަރުގަދަ އެއް ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމަންޓުން ހަ ވާހަކަ އެއް ގެނެސްދޭން ތައްޔާރު ވެއްޖެއެވެ.
އަންނަ އޮކްޓޯބަރު މަހު ބައިސްކޯފުން ސްޓްރީމް ކުރުމަށް ހަމަޖެހިފައިވާ މި ވާހަކަ ތަކަކީ "ނޮސްޓާލްޖިއާ"، "ފުރޭތަ"، "އައްސަލާމް އަލައިކުމް"، "ސަޕްރައިޒް"، "ރަންކޮޅާ" އަދި "ޕާޓީ" އެވެ. މި ވާހަކަތަކަކީ ބަދަލުހިފުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކަތަކެކެވެ. މި ހަ ވާހަކަ އަކީ އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) ގެނެސްދޭ ވާހަކަތަކެކެވެ.
ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ބުނީ މިހާރު ކުރިއަށް ދަނީ "ފުރޭތަ" އެޕިސޯޑުގެ ޝޫޓިން ކަމަށެވެ. މި ވާހަތަކަކީ ޑާކްރެއިންގެ ފުރަތަމަ ކްރޮނިކަލްސް ވެސް މެއެވެ. މި ވާހަކަތަކުން އާ ތަރިން ވެސް ފެނިގެންދާނެއެވެ. ވަރުގަދަ ކާސްޓަކާއެކު ތައްޔާރު ކުރާ މި ހަ ވާހަކަ އަންނަ އޮކްޓޯބަރު މަހު ދެއްކުމަށް ހަމަޖެހިފައިވީ ނަމަވެސް ދައްކާނެ ތާރީޚެއް އަދި އިއުލާން ކޮށްފައެއް ނުވެއެވެ. މި ވާހަކަތައް ޕްރޮޑިއުސް ކޮށްފައި ވަނީ މޮގާ އާއި އައިޝަތު ފުއާދެވެ.
ބައިސްކޯފުން އެންމެ ފަހުން ޑާކްރެއިންގެ މަސައްކަތަކަށް ދެއްކީ "ގިރިޓީ ލޯބި" އެވެ. އެ ސީރީޒަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނެވެ. ޑާކްރެއިން އަކީ ދިވެހިން ގަބޫލުކުރާ ފެންވަރުގެ މޮޅު ފިލްމުތަކެއް ގެނެސްދޭ ކުންފުންޏެވެ. އޭގެ ތެރޭގައި "އެންމެ ފަހު ވިންދާ ޖެހެންދެން"، "ގޮށްރާޅު"، "މާމުއި" އަދި "ވާށޭ މަށާ އެކީ" ހިމެނެއެވެ.
އަދި ވެސް ޑާކްރެއިނުން ރިލީޒްނުކުރާ ތިން ފިލްމެއް އެބައޮތެވެ. އެއީ "ބަޅިނދު"، "ނޮވެމްބަރ" އަދި "ބީވީމާ" ހިމެނެއެވެ. މި ފިލްމުތައް އޮލިމްޕަސް ހުޅުވުމުން ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ.