ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެންމެ ވާދަވެރި ދެ ޕާޓީކަމުގައިވާ ޕީޕީއެމްއާއި އެމްޑީޕީއިން ވެސް މިރޭ ބޮޑު ހަރަކާތެއް ބާއްވަން ވަނީ ނިންމާފައެވެ.

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން އެ ޕާޓީން މިހާތަނަށް ބާއްވާ އެންމެ މުހިންމު ކޮންގްރެސް މިރޭ 8:30 ފަށަން ނިންމާފައިވާއި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ހަމަ އެ ވަގުތު ކާނިވަލުގައި އެ ޕާޓީގެ 2023 ގެ ކެންޑިޑޭޓަށް ރަސްމީކޮށް ރިޔާސީ ޓިކެޓު ހަވާލުކުރެއްވުމަށް ބާއްވާ ޖަލްސާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީއިން ފަށާ އެ ޕާޓީގެ ހަތަރު ވަނަ ކޮންގްރެސްގައި ބައިވެރިވުމުގެ ހައްގު 1400 އެއްހާ މީހުންނަށް ލިބިފައިވާއިރު އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިޒާމާ ބެހޭ ގޮތުން މުހިންމު ގަރާރެއް ހުުށަހަޅުއްވައިފައެވެ.

އޭގެ އިތުރުން އެމްޑީޕީގެ އަސާސީ ގަވާއިދަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ވެސް އެ ކޮންގްރެސްގައި ނިންމާނެއެވެ.

ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އިންތިހާބީ ޑެޕިއުޓީ ޗެއާޕާސަން އަދި ކޮންގްރެސް ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކަނޑައަޅާ ކެންޑިޑޭޓަކު ހޮވަން ޖެހޭނީ ޕާޓީގެ މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށާއި ކޮންގްރެސްގައި އަސާސީ ގަވައިދަށް ބައެއްް އިސްލާހުތަކެއް ގެނައުމަށް ހަމަޖެހިފައި ވާއިރު ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޕްރައިމަރީއާ ގުޅޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

މިރޭ ކޮންގްރެސްގެ ފެށުމުގެ ތައްޔާރީތައް ވެފައި ވަނިކޮށް އެ ފަސްކޮށްދޭން އެދި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ އާޒިމް އިއްޔެ ސިޓީއަކުން އެދިވަޑައިގެންފައިވެއެވެ. އޭގައި ބުނެފައި ވަނީ ކޮންގްރެސްއަށް ގޮފިތަކުން ނޮމިނޭޓްކޮށްފައިވާ ގިނަ މަންދޫބުންނަކީ ގޮފި ގަވައިދާ އެއްގޮތަށް އިންތިހާބުވެފައިވާ ފަރާތްތަކެއް ނޫން ކަމަށެވެ. އާޒިމްގެ ސިޓީގައި އެކަމާ ކަންބޮޑުވުން ފާޅުކޮށް ވިދާޅުވެފައި އޮތީ ގޮފިތަކުން ކޮންގްރެސްގައި ތަމްސީލުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިނު ވާތީ އެ ފަރާތްތައް ކޮންގްރެސްގައި ބައިވެރިވެއްޖަނަމަ އޭގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެއްދުގެ ޖާގަ އޮންނާނެ ކަމަށެވެ.

ނަމަވެސް އިއްޔެ ހަވީރު އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ކޮންގްރެސް ފަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ފައްޔާޒު ވިދާޅުވީ މިހާތަނަށް ދެ ގޮތްޕަކާ ގުޅޭ 17 މައްސަލައެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށް ފަހު ގަވައިދާ އެއްގޮތަށް އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަނުގެ 2023 ގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދު ﷲ ޔާމީންއަށް ދިނުމަށް މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ނިންމަވާފައި ވާއިރު އެ ޓިކެޓު ރަސްމީކޮށް ހަވާލުކުރުމަށް ނިންމާފައިވަނީ މިރޭ އެ ޕާޓީއިން ބާއްވާ ބޮޑު ޖަލްސާއެއްގައެވެ.

"ހަވާލޭ ވަތަން" ގެ ނަމުގައި މިރޭ 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ އެ ޖަލްސާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވުމަށް އެ ޕާޓީއިން އެދެއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެ ފުރުސަތު ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރައްވާ ޕާޓީގެ ބޭފުޅުންނަށް ލިބޭނެ ކަމަށާއި ޔާމީނަށް 2023 ގެ ޓިކެޓް ދެއްވުމަށް އެ ޕާޓީގެ ޖޮއިންޓް ސެނެޓުން މާކުރިން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ޕާޓީގެ އާންމު މެމްބަރުންނާއި ޕާޓީގެ ކޮމިޓީތަކާއި ސެނެޓުން ވެސް ގަބޫލުކުރަނީ ގައުމު ވެއްޓިފައި އޮތް އަނދަވަޅުން ސަލާމަތްކުރެވޭނެ ހަމައެކަނި ސިޔާސީ ލީޑަރަކީ ޔާމީން ކަމަށް ވެސް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އިއްޔެ ވިދާޅުވީ ޖަލްސާގެ ނަމަކަށް "ހަވާލޭ ވަތަން" ހަމަޖެއްސީ ގައުމާއި ދީނާއި ރައްޔިތުންގެ ހެވަށްޓަކައި ހުރި ލީޑަރެއް ރައީސް ޔާމީން ނޫނީ މި ގައުމުގައި ނެތުމުން ކަމަށާއި އެހެން ލީޑަރުންގެ ކިބައިން ފެނިފައި ވަނީ އަމިއްލަ އެދުން އިސްކުރެއްވުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީނަށް 2019 ވަނަ އަހަރު އިއްވި ހުކުމާ ގުޅިގެން 2023 ގެ ރިޔާސީ އުންމީދު ގެއްލިފައި ވީ ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރުމުން މިވަގުތު އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނަށް ގާނޫނީ ހުރަހެއް ނެތެވެ. އެހެންނަމަވެސް އާ ރަށާއި ފުއްގިރީގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ 4 ދައުވާއެއްގެ ޝަރީއަތް މިހާރުވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެއެވެ.