މީގެ 15 އަހަރު ކުރިން އޮގަސްޓް 18، 2007 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި "ނިޒާމީ ވޯޓު" އިން ދިވެހި ރައްޔިތުންނަށް ފެނުނު އެންމެ ހެޔޮ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމެއެވެ. އެކަން ރައްޔިތުން ގަބޫލު ކުރީ އެހާތަނަށް ފެންނަން ހުރި ކަންކަމާއި ރާއްޖޭގެ ހާލަތައި ސިޔާސީ ހަލަބޮލިކަން އޮތް ގޮތުންނެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ވުދޫދު ވުމުގައި ވެސް މި ހަގީގަތް އޮތީ އެ ގޮތަށެވެ. މަޝްހޫރު ދިގު 30 އަހަރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ފުރޮޅާލުމުގެ ނިޔަތަކީ އޭރު އޮތް ހަގީތަވެ.
އޭރުވެސް، މިހާރުވެސް ރައްޔިތުން ގަބޫލު ކުރާ އެއް ކަމެއް އޮވެއެވެ. އެއީ އެކެއްގެ އަތުގައި ހުރިހާ ބާރެއް އޮންނަން ނިޖެހުމެވެ. ދިގު 30 އަހަރުގެ ވެރިކަން ނިންމަން ރައްޔިތުން ނިކުތް އެއް ސަބަބަކީ ވެސް އެއީއެވެ.
މައުމޫނުގެ ވެރިކަމުގައި އުފަންވި ނިއު މޯލްޑިވްސްގެ އާ ހިޔާލުތަކާއި މައުމޫނުގެ ވެރިކަން ވައްޓާލަން ބޭނުންވެފައި ތިބި އެތައް ބައެއްގެ އޭރުގެ އުންމީދަކަށް ވީ ނިޒާމު ބަދަލު ކުރަން މަސައްކަތް ކުރުމެވެ. ނިޒާމީ ވޯޓަކީ އެކަމަށް ރައްޔިތުން ރުހޭތޯ ނޫންތޯ ބެލުމަށް ނެގި ވޯޓެވެ.
ރައްޔިތުން ނިންމީ، 37،115 ވޯޓުގެ ތަފާތުން އޮންނަން ވީ ރިޔާސީ ނިޒާމު ކަމަށެވެ. ރިޔާސީ ނިޒާމު ބޭއްވުމަށް ފެންނަ ކަމަށް 95،619 މީހުން ވޯޓު ދީފައި ވާއިރު، ބަރުލަމާނީ ނިޒާމަށް ދީފައި ވަނީ 58،504 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ 1،767 އެވެ. ވޯޓު ލުމުގެ ހައްގު ލިބުނު 199،841 މީހުންގެ ތެރެއިން 155،890 މީހުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ.
އެއީ ކޮންމެ ގޮތެއް ވަރިހަމަ ވީ ބައެއް ކަމަށް ބަލައި މިއަދުގެ ތާރީހަށް ރުޖޫއަވަމާ ހިނގާށެވެ. އަނެއްކާވެސް ނިޒާމުގެ ވާހަކަ ތިލަ ކޮށްފިއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން ބަރުލަމާނީއަށް ތާއީދު ހޯދުމަށް މުޅި ރާއްޖޭގައި އަތްފުނާ އަޅާ ރައްޔިތުންގެ ސޮއި ހޯދުމުގެ މަސައްކަތެއްވެސް ކުރިއެވެ. ނަތީޖާއަކީ، ލައްކަ އަކާ ގާތަށްވެސް ސޮއި ނުލިބުމެވެ.
ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު
ނިޒާމުގެ ތަފާތު މާ ބޮޑަށް ކިޔައިދޭން ޖެހޭނެ ކަމަކަށް އަޅުގަނޑު ނުދެކެވެ. އެހެނީ ކޮންމެ ދިވެއްސަކީ ސިޔާސީ މީހެއް ހެން، މި ދެ ނިޒާމަށް ދިވެހިން ފަރިތަކަމުންނެވެ. ކުރުކޮށް ދެ ނިޒާމުގެ މުހިންމު ސިފައެއް ފާހަގަ ކުރާނަމަ، ރިޔާސީ ނިޒާމަކީ ވެރިކަން ހިންގަން ރައީސުލްޖުމްހޫރިއްޔާއެއް ހުރެފައި އޭނާގެ ދަށުން މަސައްކަތް ކުރާނެ ކެބިނެޓެއް އޮންނަ ނިޒާމެކެވެ. އެ ނިޒާމުގައި ރައްޔިތުންގެ މަޖިލީހަކީ ވަކި ގުނަވަނެކެވެ. އެއީ ދުވަހުން ދުވަހަށް ސަރުކާރު ހިންގުމުގައި މަސްއޫލުވާ ބައެއް ނޫނެވެ. އެއާ ހިލާފަށް ބަރުލަމާނީ ނިޒާމަނީ، ރަމްޒީ ރައީސުލްޖުމްހޫރިއްޔާއެއް ހުންނަ، އެހެނަސް ބޮޑުވަޒީރަކު ސަރުކާރު ހިންގާ ނިޒާމެވެ. އެ ނިޒާމުގައި ބޮޑުވަޒީރާއި އޭނާ ކެބިނެޓް ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެތާނގެ މެންބަރުންނެވެ.
ރިޔާސީ ނިޒާމާ ހިލާފަށް ބަރުލަމާނީ ނިޒާމުގައި ބޮޑުވަޒީރާ މެދު ހިތްހަމަ ނުޖެހޭ ކޮންމެ ފަހަރަކު، މަޖިލީހުގެ މެޖޯރިޓީއާއެކު ބޮޑުވަޒީރު ބަދަލު ކޮށްލެވޭނެއެވެ.
ރާއްޖެ ކަހަލަ، ސިޔާސީ ކަންކަން ހަމައިން ނެއްޓިފައި އޮންނަ ތަނެއްގައި ބަރުލަމާނީ ނިޒާމަކީ ހެޔޮވާވަރުގެ ނިޒާމެއް ނޫނެވެ. އެހެނީ، ރައްޔިތުންގެ މަޖިލީހަށް ހޮވޭ ގިނަ މެންބަރުންނަކީ ވޯޓު ގަނެގެން އެތަނަށް ވަދެ ތިބޭ ބަޔަކަށް ވުމާއި، ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ޕާޓީ ބަދަލު ކުރުމާއި، ޕާޓީ ބަދަލުކުރިޔަސް މެންބަރު ކަމުން ވަކި ކުރެވޭނެ ހަމަ އުސޫލެއް ނެތުމާއި ކޮރަޕްޝަނާއި ފަސާދައަށް ތަންމިނަށް ހުޅުވިފައި އޮތުމެވެ.
ކޮރަޕްޝަނާއި ފަސާދައިގެ ވާހަކައެއް އަޑު ނީވޭ ހަމަ އެންމެ ދުވަހެއް، މިހާރުވެސް ނުދާ އިރު، ބަރުލަމާނީގައި މަޖިލީހުގެ މެންބަރުންނަކީ ވަޒީރުން ކަމުގައި ވުމުން، ކޮރަޕްޝަނާއި ފަސާދަ އަރައިގެން ދާނެ ގޮތް ރައްޔިތުން ހިތްމައްޗަށް ގެނައިމާ ފުދޭނެއެވެ.
ވެރިކަމާ ހެދި ގޯސްވާ ނިޒާމު
ވެރިކަމުގެ ލައްޒަތަކީ ޒާތެއްގެ އަމަލެއް ވާ ކަމެކެވެ. ވެރިކަން ލިބުމުން އެ ލިބޭ އާރާއި ބާރާއި ޝާނާއި ޝައުކަތުގެ އަވާގައި ޖެހެއެވެ. އަމުދުން ވެރިކަމުގެ ދައުރެއް ނުވަތަ ބައި ދައުރު ކޮށްފައި ހުންނަ މީހާއަށްވެސް އެ ލައްޒަތު ހަމަ ފޮނީއެވެ. ވެރިކަން ބޭނުން ވަނީއެވެ. އެ މަގަށް ކަންކަން ނުދާތީ ނުވަތަ ނުގެންދެވޭތީ، ދެން ގޯސް ވަނީ ނިޒާމެވެ. ރާއްޖޭގައި މިހާރު ވެގެން މިއުޅެނީ އެގޮތެވެ.
މިހާރު އެންމެ ގަދަޔަށް ނިޒާމުގެ ވާހަކަ ދައްކަވާ ބޭފުޅަކީ ރައީސް ނަޝީދެވެ. ކީހާ ޅެން ފަރިއްސަށް ވެއްޖޭ ބުނާހެން، ވެރިކަން ފުރޮޅާލުމަށް "ކައްކަމުން ދާ ރިހަ ގަނޑުގައި ލޮނު ހެޔޮވަރެއް ނުވި" އެވެ. އެމަނިކުފާނުގެ ބައި ހެޔޮވެ އެ އަންބާގައި ހިފާނެ ކަމުދާ މީހަކު ނުވިއެވެ. ސިޔާސީ ހުރިހާ ލީޑަރުންވެސް ވިދާޅުވަނީ އޮތް ނިޒާމު ރަނގަޅު ކަމަށެވެ. ގޯސްވެގެން އުޅެނީ ނިޒާމު ނޫން ކަމަށާއި ގޯސްވެގެން އުޅެނީ، ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ނުކުރުން ކަމަށެވެ. ކޯޓުތައް ކަމަށް ވިޔަސް، ދައުލަތު މުއައްސަސާތައް ކަމަށް ވިޔަސް ކަރުދާހުގައި އޮންނަ ގޮތަށް ކަންކޮށް، ތަންފީޒު ކުރަން ފެށީމައި އެ މައްސަލަ ހައްލުވީ ކަމަށެވެ. އެ ބޭބޭފުޅުން މިސާލެއްވެސް ދައްކައެވެ. އެއީ ހަމަ މިހާރު އޮތް ގާނޫނު އަސާސީން އިހަށް އޮތް ސްޕްރީމް ކޯޓާއި މިހާރު އޮތް ސްޕްރީމް ކޯޓުގެ ވާހަކައެވެ. އިހަށް ފެބްރުއަރީ 1 ގެ އަމުރު ނެރެ ބަޣާވާތެއް ކުރަން އުޅުނީވެސް އެ ކޯޓުން ކަމަށާއި ބެންޗް ބަދަލުވެ އަދުލާއި އިންސާފު ގާއިމު ވާކަމުގެ ޔަގީންކަން ލިބެނީވެސް ހަމަ އެކޯޓުން ކަމަށް ވިދާޅުވެ ދައްކަވާ މިސާލެވެ.
ހަމަ އެގޮތަށް އެހެން ހުރިހާ މުއައްސަސާތަކަކުން ކަޅާއި ހުދުން ކަންކަން ތަންފީޒު ކުރުމާއި، ތަންފީޒު ނުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވާ، ވަގުތުން ފިޔަވަޅު އެޅީމައި މައްސަލަ ހައްލުވީ ކަމަށް އެބޭބޭފުޅުން ވިދާޅުވެއެވެ. ބޭނުންވަނީ އެކަން ކުރަން ކެރޭ ވެރިއަކާއި ލިޑާޝިޕެކެވެ.
ނިޒާމުގެ ވާހަކަ މިއަދާ ހިސާބަށް އައި އިރު އަންނަ ހުކުރަކީ ބޮޑު ދުވަހެކެވެ. އެމްޑީޕީގެ ކޮންގްރެސް އޮންނަ ދުވަހެވެ. ނިޒާމުގެ މައްސަލަ ރައީސް ނަޝީދު ހުށަހަޅުއްވާފައި އެބައޮތެވެ. ނަޝީދު ބޭނުންފުޅުވާ ގޮތަށް ނިޒާމު ފުރޮޅާލަން ތާއީދު ހޯއްދެވުމަށް އެމްޑީޕީ ހަރުގޭގައި ޖަލްސާތައް ބާއްވަމުން ދާ އިރު، ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަނީ، ނަޝީދަށް އެކަން ކާމިޔާބު ނުވާނެ ކަމަށާއި، ގާތްގަނޑަކަށް 70 ޕަސެންޓުގެ ތާއީދާއެކު އެ ހުށަހެޅުން ބޭރުކޮށްލާނެ ކަމަށެވެ. އެ ފަރާތްތަކުން އެ ހިސާބު ޖަހަނީ، ނަޝީދު ރުއްސަން ހަރުގެއަށް ދާ މަދު މީސްކޮޅާއި، އެމްޑީޕީގެ އާންމު ގިނަ މެންބަރުންގެ ވިސްނުމާއި އާންމު ރައްޔިތުންގެ ވިސްނުން ހުރި ގޮތް އަޅާ ކިޔާފައެވެ.
ބަރުލަމާނީއެއްނޫން ބޭނުމަކީ ކޮއްކޮ ފިރހނކޅ ގެ އަޑުކަނޑުވާލުން
ޢަންނިއަށް އެބަ ވިސްނޭތަ އެއްޗެއް.
ޙޭބުއްދި ހުރިނަމަތާ އެއްޗެއް ވިސްނޭނީ ވެރިކަމައިގެން ހެއާ ބުއްދިއާ ފިލާ ދިޔައިމަ ކޮން އެއްޗެއް ވިސްނޭނީ