ބޮޑެތި ގޮންޖެހުންތަކަކާއެކު އިގުތިސޯދީ އަދި މާލީ ގޮތުން ނުތަނަވަސް ވެފައި ވާ 2022 އަހަރުގެ ފުރަތަމަ 6 މަސް ދުވަސް ނިމިދިޔަ އިރު، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދަމުން ދާ އީލޯން މަސްކު، މާކް ޒަކަބާގް އަދި ބާނާޑް އާނޯލްޓްއާއި ޗޭންގްޕެންގް ޝާއޯ ފަދަ މަހުޖަނުންގެ މިލްކިއްޔާތުން އެތައް ބިލިއަން ޑޮލަރެއް އުނިވެއްޖެއެވެ.

ފާއިތުވެ ދިޔަ 6 މަސް ދުވަހަކީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މުއްސަނދި 500 މީހުންގެ މިލްކިއްޔާތު، އެންމެ ހަލުވިކަމާއެކު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ދުވަސްތަކެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާއެކު ސަރުކާރުތަކާއި މަރުކަޒީ ބޭންކުތަކުން ވަނީ މީގެ ކުރިން ދެކެފައި ނުވާ ފަދަ މާލީ ސިޔާސަތުތައް ތަންފީޒު ކޮށްފައެވެ. ނަމަވެސް މި ދުވަސްވަރަކީ މަހުޖަނުންގެ މިލްކިއްޔާތުން ބޮޑު ބައެއް އުނިވެގެން ދާ ދުވަސްވަރެއް ކަން ފާހަގަ ކުރަން ޖެހެއެވެ.

ފޭސްބުކް ކުންފުނީގެ ޗެއާމަން އަދި އެންމެ ބާރުގަދަ ހިއްސާދާރު މާކް ޒަކަބާގް/ފޮޓޯ: ބިޒްނަސް އިންސައިޑާ

ކޮވިޑް-19ގެ ބަލިމަޑުކަމުގައި މަހުޖަނުންގެ ޖީބުތައް އިންތިހާ ހަލުވި މިނުގައި ބަރުވަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެމުން ދާ ނިސްބަތް އިންފްލޭޝަން މައްޗަށް ދިއުމުގެ ސަބަބުން، ސިޔާސަތު އެކުލަވާލާ ފަރާތްތަކުން އިންޓްރެސްޓް ރޭޓް އިތުރު ކުރަމުން ދިއުމުގެ ސަބަބުން، ބިލިއަނުންގެ ޖީބުތައް، އެހާމެ ހަލުވި މިނުގައި ހުލިވަމުން ދާކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.

ބްލޫމްބާގް ބިލިއަނާޒް އިންޑެކްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގައި މިވަގުތު ހުރި އެންމެ މުއްސަނދި މީހާ ނުވަތަ މަސްކުގެ މިލްކިއްޔާތުގެ ޖުމުލަ އަގަކީ 208.5 ބިލިއަން ޑޮލަރެވެ. އޭގެ ފަހަތުން 2 ވަނާގައި އޮތް ބޭޒޯސްގެ މިލްކިއްޔާތުގެ އަގު 129.6 ބިލިއަން ޑޮލަރަށް އަރާއިރު 128.7 ބިލިއަން ޑޮލަރާއެކު 3 ވަނާގައި އޮތީ އާނޯލްޓްއެވެ.

މަހުޖަނު އީލޯން މަސްކު ހުރީ ޓްވިޓާގެ ކޮންޓްރޯލް ނެގުމަށް ފައިވިދައިގެން / ފައިލް ފޮޓޯ: ރޮއިޓާޒް

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި މަސްކު، ބޭޒޯސް އަދި ޒަކަބާގްއަށް ގެއްލުނު ފައިސާގެ އަގު، 1.4 ޓްރިލިއަން ޑޮލަރަށް އަރައެވެ.

މިއީ 1970 ވަނަ އަހަރަށް ފަހު އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު މާލީ ހީނަރުކަން ކަމުގައި ވީ ނަމަވެސް، މި ހީނަރުކަން ކަޑަތު ކުރުމުގެ ތަނަވަސްކަން މަހުޖަނުންގެ ކިބާގައި އެބަހުރި ކަމަށް ޕާޕާމާކޯ ވެލްނާ އެސެޓް މެނޭޖްމަންޓްގެ ރައީސް ތޯން ޕާކިން ވަނީ ފާހަގަ ކުރައްވާފައެވެ.