އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް "ލޮލުންދެކި-އަތުންހިފޭ" ޒާތުގެ ފައިދާތަކެއް ލިއްބައިދޭނެ ކަމަށް ބުނެ، "ކުއަޑް"ގެ އިއްތިހާދީ 4 ގައުމުން، ޗައިނާއާ ދެކޮޅަށް، ކަނޑުގެ ސަރަހައްދުގެ ސާވޭލަންސް ކުރިއަށްގެންދާނެ ގޮތުގެ ވަރުގަދަ ޕްލޭނެއް ލޯންޗްކޮށްފިއެވެ.

މަސްރަހު ދިރާސާ ކުރާ އެނަލިސްޓުން ބުނާ ގޮތުގައި، މިއީ ޗައިނާއައި ދެކޮޅަށް، މިހާތަނަށް ކުއަޑްއިން އެޅި އެންމެ ވަރުގަދަ ފިޔަވަޅެވެ.

ނުރަސްމީ އިއްތިހާދު "ކުއަޑް" އެކުލެވިގެން ވަނީ، ބައިނަލްއަގުވާމީ މަސްރަހުގައި ޗައިނާއާ ދެކޮޅަށް އެންމެ ހަރު އަޑުން ވަކާލާތު ކުރާ ގައުމުތައް ކަމަށް ވާ އެމެރިކާ، އިންޑިއާ އަދި އޮސްޓްރޭލިއާގެ އިތުރުން ޖަޕާނުގެ މައްޗަށެވެ.

ޗައިނާއިން ދަނީ ދެކުނު ޗައިނާ ކަނދުގެ ސަރަހައްދުގެ މިލްކުވެރިކަމަށް ފައި ވިއްދާ، މަސްރަހު ނުތަނަވަސް ކުރަމުން / ފޮޓޯ: ރޮއިޓާޒް

ހުސްވި ހަފުތާގައި ލޯންޗްކުރި ވަރުގަދަ ސާވޭލަންސް ޕްލޭން ނުވަތަ އިންޑޯ-ޕެސިފިކް ޕާޓްނާޝިޕް ފޮ މެރިޓައިމް ޑޮމެއިން އެވެއާންސް (އައިޕީއެމްޑީއޭ)އާ ބެހޭ ގޮތުން ކުއަޑް އިން ބުނީ، އެ މަޝްރޫއަކީ، ޕެސިފިކް ޖަޒީރާތަކުގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއި އިންޑިއާ ކަނޑުގެ ސަރަހައްދުގައި ގަވައިދާ ހިލާފަށް ކުރަމުންދާ މަސްވެރިކަމާއި އެނޫންވެސް ޣައިރު ގާނޫނީ އަމަލުތައް ވަގުތުން ވަގުތަށް ބަލާލެވޭނެ މަޝްރޫއެއް ކަމަށެވެ.

ކަނޑައެޅިގެން ޗައިނާގެ ނަން ވަކިން ފާހަގަ ނުކުރި ކަމުގައި ވީ ނަމަވެސް، އައިޕީއެމްޑީއޭގެ މައިގަނޑު އަމާޒަކީ، ގައުމުތަކުގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގައި ޗައިނާއިން ކުރިއަށް ގެންދާ ޣައިރު ގާނޫނީ މަސްވެރިކަމުގެ އިތުރުން ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އަސްކަރިއްޔާއިން ހިންގާ ނޭދެވޭ އަމަލު ހިންގާ ކަމަށް ބުނެ އެ ސަރަހައްދުތަކުގެ ގައުމުތަކުން ކުރަމުންދާ ޝަކުވާތަކަށް ރިއާޔަތް ކުރުން ކަމަށް އެނަލިސްޓުން ބުނެއެވެ.

އައިޕީއެމްޑީއޭއާ ބެހޭ ގޮތުން ކުއަޑްއިން އިތުރު ތަފްސީލުތަކެއް ހާމަ ކޮށްފައެއް ނުވެއެވެ. ނަމަވެސް ބައިނަލްއަގުވާމީ މީޑިއާއަށް މައުލޫމާތު ދެއްވި އެމެރިކާގެ އޮފިޝަލަކު ވަނީ، ކަނޑު ދަތުރުފަތުރުގެ ޖާސޫސީ މައުލޫމާތު، އެއްވެސް އަގަކާ ނުލާ، އިންޑޯ-ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް ފޯރުކޮށްދިނުމަށްޓަކާ، ކުއަޑްގެ ގުރޫޕުން، ކޮމާޝަލް ސެޓެލައިޓްތަކަކަށް ފަންޑު ކުރަން ރާވާ ކަން ހާމަ ކުރައްވާފައެވެ.

އެމެރިކާއިން ވަނީ ދެކުނު ޗައިނާ ކަނޑުގައި ގުޅިފައިވާ އަސްކަރީ ތަމްރީނުތަކެއް ހިންގާފަ / ފޮޓޯ: ކްރިސްޓަފާ ބޯޝް | ޔޫއެސް ނޭވީ

ދަތުރު ކުރުމުގައި ބޭނުން ކުރާ އޮޓޮމެޓިކް އިންފޮމޭޝަން ސިސްޓަމް (އޭއައިއެއް) ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ތިބެ، ޣައިރު ގާނޫނީ ގޮތެއްގައި ކަނޑު ދަތުރު ކުރަން މަސައްކަތް ކުރި ކަމުގައި ވީ ނަމަވެސް، ރޭޑިއޯ ފްރީކުއަންސީއާއި ރޭޑާ ސިގުނަލް ބޭނުން ކޮށްގެން، ކުއަޑްގެ އާ މަޝްރޫއުގެ ތެރެއިން، ކަނޑު އުޅަނދު ފަހަރު ޓްރެކް ކުރުމުގެ ފުރުސަތު، ގައުމުތަކަށް ތަނަވަސްވެގެންދާނެއެވެ. މި މައުލޫމާތަކީ އިންޑިއާ، ސިންގަޕޫތު، ވަނައުޓޫ އަދި ސޮލޮމަން އައިލަންޑްސްގައި މިހާރުވެސް ގާއިމު ކޮށްފައިވާ ސާވޭލަންސް ނެޓްވޯކްގައި ހިއްސާ ކުރެވޭނެ މައުލޫމާތެވެ.

އެމެރިކާގައި މަރުކަޒު ކޮށްގެން ހިންގާ ސެންޓާ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގެ ގްރެގް ޕޮލިންގް ވިދާޅުވީ، ކުއަޑްގެ އައިޕީއެމްޑީއޭއަކީ އުއްމީދީ މަޝްރޫއެއް ކަމަށާ، އެ މަޝްރޫއަކީ އިންޑިއާ ކަނޑުގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ އަދި ޕެސިފިކް ޖަޒީރާތަކަށްވެސް އިންތިހާ ބޮޑު އެހީއަކަށް ވުމުގެ ފުރުސަތު އޮތް މަޝްރޫއެއް ކަމަށެވެ. މި ދެންނެވި ސަރަހައްދުގެ ގިނަ ގައުމުތަކަކީ ގިނިކަންޏާ ސާވޭލަންސް މަޝްރޫއު ހިންގޭ ވަރުގެ ފުރިހަމަ ގާބިލު ކަން ނެތް ގައުމުތަކެކެވެ.

ދުރު ސަރަހައްދުތަކަށް ދަތުރުކުރާ ޗައިނާގެ ކަނޑު އުޅަނދު ފަހަރުގެ ފްލީޓްގައި 3000 އެއްހާ އުޅަނދު ހިމެނޭ އިރު، އެއީ ދުނިޔޭގެ ނިސްބަތުންވެސް އެފަދަ އެންމެ ބޮޑު ފްލީޓެވެ. ޗައިނާގެ ސަރުކާރުން ސަބްސިޑީ ދީގެން އޮޕަރޭޓް ކުރާ އެ ފްލީޓަކީ، ދުނިޔޭގެ ފެންވަރުގައި ކުރާ ޣައިރު ގާނޫނީ މަސްވެރިކަމުގެ ރޭންކިންގްގައިވެސް ކުރީގައި އޮތް ފްލީޓެކެވެ.

ކުއަޑް ގައުމުތަކުގެ އެންމެ އިސްވެރިން (ކަނާތުން ވާތަށް: އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކީޝީޑާ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އޮސްޓްރޭލިއާ ބޮޑުވަޒީރު އެންޓަނީ އަލްބެނީޒް) / ފޮޓޯ: އިންޑިއާ އަހެޑް

އެންވައިރަމަންޓަލް ޖަސްޓިސް ފައުންޑޭޝަންގެ ރެކޯޑްތަކަށް ބަލާއިރު 2015 އާއި 2019 ވަނަ އަހަރާ ދެމެދު، ލައިސަންސް ނެތި ޗައިނާގެ އުޅަނދުތަކުން މަސްވެރިކަން ކުރި ކަމަށް 237 ފަހަރު ވަނީ ރެކޯޑް ކޮށްފައެވެ. ފާއިތުވީ އަހަރުތަކުގައި، ގަވައިދާ ހިލާފަށް މަސްވެރިކަން ކޮށްގެން، ވަނައުޓޫ، ޕަލާއޫ، މެލޭޝިއާ އަދި ދެކުނު ކޮރެއާއިން ވަނީ ޗައިނާގެ ގިނަ އަދަދެއްގެ މަސްބޯޓު ފަހަރުވެސް ހިފަހައްޓާފައެވެ.

ޓްރާންސްޕޮންޑަރުތައް ނިއްވާލައިގެން ތިބެ، އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދުން ބޯވަދިލަމަސް ބާނާތީވެސް ޗައިނާގެ އެތައް ސަތޭކަ އުޅަނދެއް ވަނީ ފެނިފައެވެ.

ޣައިރު ގާނޫނީ މަސްވެރިކަން ކުރުމުގެ އިތުރުން، ނެތި ދިއުމުގެ ބިރު ހީވެފައި ވާ ކަނޑުގެ ދިރުންތަކާއި ހިމާހަޔަތް ކޮށްފައި ވާ ކަނޑުގެ ދިރުންތަކަށްވެސް ޗައިނާގެ ހަމަލާ އަމާޒުވެއެވެ.

މިފަދަ ތުހުމަތުތަކަށް ޗައިނާއިން ކުރަނީ އިންކާރެވެ. ޗައިނާއިން ބުނާ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި އެކުލަވާލާފައި ވާ މިންގަނޑުތަކަށް އެ ގައުމު ކިޔަމަންވެއެވެ. އަދި ދުރު ހިސާބުތަކުގައި މަސްވެރިކަން ކުރާ ގޮތް ވިލަރެސް ކުރާ ނިޒާމު ހަރުދަނާ ކޮށްފައިވާ ކަމަށްވެސް ޗައިނާއިން ބުނެއެވެ. އޭގެ އިތުރުން، އުތުރު ކޮރެއާއާއި އިންޑިއާ ކަނޑުގެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް ދެމެހެއްޓުމަށް ޗައިނާއިން އަމިއްލައަށް މޮރޮޓޯރިއަމް އެކުލަވާލާފައި ވާނެ ކަމަށްވެސް އެ ގައުމުން ބުނެއެވެ.

ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުން ނަމަ ޗައިނާގެ ކަނޑު އުޅަނދު ފަހަރުގެ ވާހަކަ، މަސްވެރިކަމާ ހިސާބުން ނިންމާލެވޭކަށް ނެތެވެ. އެކަމުގައި އަސްކަރީ މަގުސަދުތަކެއްވެސް އެކުލެވޭ ކަމަށް ތުހުމަތު ކުރެއެވެ. ޗައިނާއިން އެ ސަރަހައްދެއްގެ މިލްކުވެރިކަމާ މެދު ވަކާލާތު ކުރާ ސަރަހައްދުތަކަށް އަތްގަދަ ކުރުމުގައި މަސްބޯޓު ފަހަރުގެ ފައިދާ ނަގާ މިންވަރު މަދެއް ނޫނެވެ. ނަމަވެސް އެ ތުހުމަތަށްވެސް ޗައިނާއިން ކުރަނީ އިންކާރެވެ.

ކުއަޑްއިން އެންމެ ފަހުން އެކުލަވާލި ސާވޭލަންސް މަޝްރޫއަކީވެސް ޗައިނާއަށް ހަޖަމް ކުރަން ދަތި މަޝްރޫއަކަށް ވަނީ ވެފައެވެ. އެގޮތުން އެ މަޝްރޫއަކީ ކަނޑު ދަތުރުފަތުރުގެ އުސޫލާއި، ސުލްހައާއި ހަމަޖެހުމަށްވެސް އޮތް ނުރައްކަލެއް ކަމަށް ޗައިނާއިން ވަނީ ސިފަ ކޮށްފައެވެ. އައިޕީއެމްޑީއޭގެ ސަބަބުން ކުއަޑްއާއި ޗައިނާގެ ކޯޅުން އިތުރަށް ގަދަ ވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ.