އިމާރާތް ކުރުމުގެ ދާއިރާއަށް 120 ލޭބަރުން ހޯދަން އެމްޓީސީސީން އިއުލާނު ކޮށްފިއެވެ.

އެމްޓީސީސީން ބުނީ، ލޭބަރުން ހޯދަން ނިންމާފައި ވަނީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުން ކަމަށާއި، ނަމަވެސް މަސައްކަތުގެ ފެންވަރަށް ބެލުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިނާޔަތްތަކާ އެކު 10،300ރ އާއި 13،700ރ އާ ދެމެދުގެ މުސާރައެއް ލިބޭ، އަދި ހަފްތާ އަކު ހަ ދުވަހު ދުވާލަކު އަށް ގަޑިއިރާއި 12 ގަޑިއިރާ ދެމެދު އަދާކުރަން ޖެހޭ އެ ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވަނީ ދިވެހިންނަށް އެކަންޏެވެ.

އެމްޓީސީސީން ބުނި ގޮތުގައި، ވަޒީފާ ލިބޭ ފަރާތްތައް ހުންނަން ޖެހޭނީ އެ ކުންފުނިން ކަނޑައަޅާ ސައިޓެއްގައެވެ. އެ ވަޒީފާ އާ އެކު މެޑިކަލް އިންޝުއަރެންސް ވެސް ލިބޭނެއެވެ. އަދި ވަޒީފާ ލިބޭ ފަރާތްތައް ޕެންޝަން ސްކީމްގައި ވެސް އެންރޯލް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ވަޒީފާގެ ޝަރުތުތައް:

  • އަސާސީ ތައުލީމް ހާސިލްކޮށްފައިވުމާ އެކު ކޮންސްޓްރަކްޝަން ދާއިރާގެ ތަޖުރިބާ ނުވަތަ އެ ދާއިރާގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރުން
  • ކުންފުނިން ކަނޑައަޅާ ސައިޓެއްގައި މަސައްކަތް ކުރެވޭނެ ފަރަތެއް ކަމުގައި ވުން
  • ގިނަ ވަގުތު މަސައްކަތް ކުރެވޭނެ ފަރާތެއް ކަމުގައި ވުން

އެހެންކަމުން އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އައިޑީ ކާޑު ކޮޕީ އާ އެކު ގުޅުންހުރި ލިޔުންތައް، އެމްޓީސީސީގެ ހުޅުމާލެ ޓާމިނަލްގައި މާދަމާ ހަވީރު 4 އިން 8 އަށް "ޖޮއިން އެމްޓީސީސީ"ގެ ނަމުގައި ކުރިއަށް ގެންދާ އޯޕަން ޑޭ ގައި ބައިވެރިވުމަށް އެ ކުންފުނިން އެދެއެވެ. އެ މަގާމަށް ހޮވޭނީ ތައުލީމާއި ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

ވަޒީފާގެ ފުރުސަތުތަކުގެ އިތުރުން ވަޒީފާގެ މާހައުލަށް ޒުވާނުން ނެރެ، ޓެކްނިކަލް ދާއިރާ އަށް ދިވެހިން ތަމްރީނު ކުރުމަށްޓަކައި އެމްޓީސީސީން "ހުނަވަރު"ގެ ނަމުގައި އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް މީގެ ކުރިން ބާއްވާފައިވެއެވެ.