މި އުންމަތުގެ ރަސޫލާ މުހައްމަދު ސައްލައް ﷲ އަލައިހި ވައްސަލަމަކީ މި ބިންމަތީގައި މާތް ﷲ ތައާލާ ލެއްވެވި އެންމެ ފުރިހަމަ އިންސާނާއެވެ. އެކަލޭނގެފާނުގެ ހުލުގުވެރިކަމާއި އިހްލާސްތެރިކަމަކީ އެކަލޭނގެފާނަށް ތަބާވީ މީހުންގެ އިތުރުން ރަސޫލާގެ ދުޝްމަނުން ވެސް އެކަމަކަށް ހެކިދޭ ކަމެކެވެ.
އެކަލޭނގެފާނުގެ ހަޔާތްޕުޅުގައި އުޅުއްވި ގޮތާއި ގެންގުޅުއްވި އާދަތަކުން އަޅުގަނޑުމެން އަބަދުވެސް ފިލާވަޅު ލިބިގަންނަން ޖެހޭ އިރު މުސްލިމް އަޅާގެ އަގީދާ އެންމެ ފުރިހަމަ ވަނީ ކައު ނަބިއްޔާގެ ސުންނަތަށް ވެސް ފުރިހަމައަށް ތަބާވެގެންނެވެ.
މި ބަޔާން ކުރަނީ އާންމު ދިރިއުޅުމުގައި ރަސޫލާގެ ފަރާތްޕުޅުން ފެނުނު ބައެއް ރިވެތި އާދަތަކެވެ.
ގިނަ ގިނައިން ހިނިވަރުނަ ކުރެއްވުން
ތިރިމިދީ ރިވާ ކުރެއްވި ހަދީސެއްގައި އަބްދުﷲ ބިން ހާރިސް ވިދާޅުވިއެވެ.
"މާތް ﷲ ގެ ރަސޫލާ އަށް ވުރެ ގިނައިން ހިނިވަރުނަ ކުރެއްވި ބޭކަލެއް އަހުރެން ނުދެކެމެވެ."
ރަސޫލާ ސައްލައް ﷲ އަލައިހި ވައްސަލަމަކީ ސާދާ މިޒާޖެއްގެ ބޭކަލެކެވެ. އެކަލޭނގެފާނުގެ ހަޔާތްޕުޅުގައި ދިމާވި އެތަށް ހިތާމަވެރި ހަދިސާއެއްގެ ސަބަބުން މާޔޫސްވެވަޑައިގެން، މީހުންނާއި ދުރުހެލިވެވަޑައިގަތުމުގެ ބަދަލުގައި އެކަލޭނގެފާނަކީ އަބަދުވެސް ހިނިތުންވެވަޑައިގެން، އަރިހުގައި ތިއްބެވި ބޭކަލުންނަށް ވެސް އުފާވެރިކަމާއެކު އުޅުމަށް ހިތްވަރު ދެއްވި ބޭކަލެވެ.
މީހެއްގެ ހަޔާތުގައި މާތް ﷲ އެމީހަކަށް ކުރިމަތިކުރާ އެކި އެކި އިމްތިހާނުތަކާ މެދު ދެރަވެ މާޔޫސްވުމަކީ އިންސާނީ ތަބީއަތެވެ. އެހެނަސް މިސާލު ނަގަންވީ އަޅަމެންގެ ނަބިއްޔާގެ ފަރާތުންނެވެ.
މުއާމަލާތް ކުރެއްވުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ
ބުހާރީ ރިވާކުރެއްވި ހަދީސެއްގައި އަނަސް ބިން މާލިކް ވިދާޅުވިއެވެ.
"މަދީނާގެ އަޅުވެރިންގެ ތެރޭގައި ހިމެނޭ ކޮންމެ ކުއްޖަކަށް ވެސް މާތް ﷲގެ ރަސޫލާގެ އަތްޕުޅުގައި ހިފޭނެއެވެ. އަދި އެކުދިން ބޭނުންތަނަކަށް އެކަލޭނގެފާނު ގެންދިޔަ ދެއްވާނެއެވެ."
ކައު ނަބިއްޔާއަކީ ކޮންމެ މީހަކާ ވެސް އެހާ ރަހްމަތްތެރިކަމާއި ގާތް ކަމާއެކު މުއާމަލާތް ކުރެއްވި ބޭކަލެކެވެ. އަދި އެއްވެސް މީހަކަށް އެހީވެވަޑައިގަތުމަށް އެކަލޭނގެފާނު ފަސްޖެހިވަޑައި ނުގަންނަވައެވެ. އެޒަމާނުގައި އުޅުނު އަޅުންނަކީ ގިނަ މީހުން އެކަހެރި ކޮށްލާފައި ތިބޭ ބަޔަކަށްވީ ނަމަވެސް އެކަލޭނގެފާނުގެ އަރިހުގައި ކަމަކަށް އެދުމުން އުފަލާއެކު އެމީހުންގެ ބޭނުންތައް ފުއްދަވާ ދެއްވައެވެ.
އެކަލޭނގެފާނަކީ ހިތްޕުޅުހެޔޮ މަޑުމައިތިރި ބޭކަލެއް
މާތް ރަސޫލާގެ އަނބިކަނބަލުން އައިޝާ ރަޟިޔަﷲ އަންހު ރިވާކުރެއްވި ހަދީސެއްގައި ވިދާޅުވިއެވެ.
"މާތް ﷲގެ ރަސޫލާއަކީ ނޯކަރެއް ނުވަތަ އަންހެނަކަށް ވެސް އަދި އެއްވެސް އެއްޗަކަށް އަތް އިސްކުރެއްވި ބޭކަލެއް ނޫނެވެ".
މި އުއްމަތުގެ ނަބިއްޔާއަކީ އެހެން މީހުންގެ ކިބައިން ނުފެންނަ ފަދަ މަޑުމައިތިރި ސިފަތަކެއް ހުރި ބޭކަލެކެވެ. އެކަލޭނގެފާނުގެ ކުރިފުޅު މަތީގައި އަޅެއްގެ ގައިގައި މީހަކު ތަޅާތަން ފެނިވަޑައިގެންފިނަމަ އެ އަޅަކު މިނިވަން ކުރިކަން އެކަލޭނގެފާނު ކަށަވަރު ކުރައްވައެވެ.
އެކަލޭނގެފާނަކީ އަނބިންނާ އަޑު ހަރުކޮށް ވާހަކަ ދައްކަވާ ނުވަތަ ބަސް ވިދާޅުވެ، އަތް އިސްކުރެއްވި ބޭކަލެއް ނޫނެވެ. ބަދަލުގައި އެކަލޭނގެފާނު އަނބިންނާއި މުހާތަބްކުރައްވާ ވާހަކަ ދެއްކެވީ ނުހަނު ލޯތްބާއި އިހްތިރާމާ އެކުއެވެ.
އެކަލޭނގެފާނަކީ އާދަޔާ ހިލާފަށް ދީލަތި ބޭކަލެއް
ބުހާރީ ރިވާކުރެއްވި ހަދީސެއްގައި ޖާބިރް ބިން އަބްދުﷲ ވިދާޅުވިއެވެ.
"މީހަކު އެދެފި ކޮންމެ އެއްޗެއް ވެސް މާތް ﷲގެ ރަސޫލާ ދެއްވާކަށް ފަސްޖެހިވަޑައި ނުގަންނަވާނެއެވެ."
ރަސޫލާކީ މީހުންނަށް އެއްޗެހި ދެއްވައިގެން އުފާވެރިކަން ހޯއްދެވި ބޭކަލެކެވެ. އެކަލޭނގެފާނަށް ހަދިޔާގެ ގަޮތުގައި ލިބޭ ތަކެތި ވެސް އާންމުގޮތެއްގައި މީސްތަކުންނަށް ބައްސަވައެވެ. އަދި މާލީ އެހީއަށް އެދި އެކަލޭނގެފާނުގެ އަރިހަށް އަންނަ މީހަކަށް އެކަށީގެންވާ އެހީ ނުދެެއްވޭނަމަ ވަށައިގެން އުޅުއްވާ ބޭކަލުން އެހީތެރިވެ ދެއްވުމަށް ބާރު އަޅުއްވައެވެ.
ގޭތެރޭގެ ކަންކަން ކުރެއްވުމަށް ފަސްޖެހިވަޑައިނުގަންވާ
ބުހާރީ ރިވާކުރެއްވި ހަދީސެއްގައި ރަސޫލާގެ އަނބިކަނބަލުން އައިޝާ ރަލިޔަﷲ އަންހު ވިދާޅުވިއެވެ.
"އާއިލާއަށް ހިދުމަތް ކުރެއްވުމުގައި އެކަލޭނގެފާނު އަވަދިނެތި އުޅުއްވައެވެ. އަދި ނަމާދު ވަގުތު ޖެހުމުން ނަމާދުކުރަން އަވަސްވެގަނެއެވެ".
އުއްމަތުގެ ކަންކަން ބެލެހެއްޓެވުމާ މާތް ﷲ ގެ ބަސްފުޅު މީސްތަކުންނަށް ވިދާޅުވެދެއްވުމުގައި ކިތަންމެ ބުރަކޮށް އުޅުއްވި ނަމަވެސް ރަސޫލާއަކީ އެކަލޭނގެފާނުގެ އާއިލާއަށް ވަގުތު ހުސްކުރެއްވި މާތް ބޭކަލެކެވެ. މިގޮތުން ގޭތެރޭގެ ކަންކަން ކުރެއްވުމާއި އާއިލާގެ މެމްބަރުންނަށް އެހީތެރިވެ ދެއްވުމަށް އެކަލޭނގެފާނު އަވަސްވެ ވަޑައިގަންވަވައެވެ. އަމިއްލަފުޅު އަންނައުނު ދޮންނެވުމާއި ފައިވާން ޖޯޑުކޮޅު ސާފުކުރައްވައި މަރާމާތުކުރައްވައި ހެއްދެވުމަކީ އެކަލޭނގެފާނު ކުރައްވާ އުޅުއްވި ބައެއް ކަންކަމެވެ.